ގާނޫނު އަސާސީއަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމަށް މިއަދު މެންދުރު 12:30 ގައި މުޅި މަޖިލީހުގެ ކޮމިޓީ ބޭއްވުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިކަން އިއުލާން ކުރައްވާފަ އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު މި ބިލުގެ ބަހުސްވެސް ވަނީ ކުރިއަށް ގެންގޮސް ނިންމާލާފަ އެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން މި ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. އަދި މި ބިލު ބަލައިގަތުމާ ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވި އެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމުން ދިރާސާ ކުރުމަށް ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
މި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި އެ މެންބަރަކު ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
ޤާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭގޮތަށް އޮތް އެންޓި-ޑިފެކްޝަން ޤާނޫނުގެ ބައެއް ބާތިލު ކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް