މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާގެ ދަށުން އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުން ފަހިކުރުމަށްޓަކައި ތިން ފަރާތަކާއިއެކު އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފި އެވެ.
މަތީ ތައުލީމާއި ބެހޭ މިނިސްޓްރީން ބުނީ މި އެއްބަސްވުންތައް ތަންފީޒު ކުރެވިގެންދާނީ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ ދަށުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވާލަދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
މި އެއްބަސްވުމުގައި، ބައިވެރިންނާއި އެކު އެއްބަސްވެފައިވާ ކަންތައްތަކުގެ ދަށުން ވަޒީފާތަކަށް ހޭލުންތެރިކަން އުފެއްދުމަށްޓަކައި ނެޝަނަލް ކެރިއާސް ސަރވިސް މެދުވެރިކޮށް ހިންގާ ކެރިއާރ ގައިޑަންސް ޕްރޮގްރާމްތަކަށް ފަންނީ އެހީ ފޯރުކޮށްދިނުމާއި، މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތު ފަހި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދިނުން ހިމެނެ އެވެ. މީގެ އިތުރުން، މަސައްކަތްތެރިންނަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމުގެ ގޮތުން އެޕްރެންޓިސްޝިޕް ފުރުސަތުތައް ހުޅުވާލުން ހިމެނިފައި ވެއެވެ. އަދި މަސައްކަތްތެރިންނާ ގުޅޭގޮތުން އަދާހަމަ މަޢުލޫމާތުގެ ނިޒާމެއް ބިނާކުރުމަށްޓަކައި ބައިވެރިންގެ ދާއިރާތަކާއި ގުޅުންހުރި މަޢުލޫމާތު ކަނޑައެޅޭ އުސޫލަކުން މި މިނިސްޓްރީއާއި ހިއްސާކުރުން ހިމެނެ އެވެ.
މި އެއްބަސްވުމުގައި، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެވެ. މީގެ އިތުރުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ފަރާތުން ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު،އެސް.ސީ) ގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު، އަދި ވިލާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ގްރޫޕް ޑިރެކްޓަރ އޮފް ލަރނިންގ އެންޑް ޑެވެލޮޕްމަންޓް އަލްފާޟިލް ހަސަން ޝަމާމު އެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ސެއިލްސް ޕްރޮޖެކްޓުން ހިންގާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް ވަޒީފާއަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން ހިމެނެ އެވެ. ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުންވެސް ހިމެނެ އެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން ނެޝަނަލް ކެރިއަރސް ސަރވިސް ތަރައްޤީކޮށް މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވާދޭ ޕްލެޓްފޯމްގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރެވިގެންދާނެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު ވިލާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ގްރޫޕް ޑިރެކްޓަރ އޮފް ލަރނިންގ އެންޑް ޑެވެލޮޕްމަންޓް އަލްފާޟިލް ހަސަން ޝަމާމު އެވެ.