މިނިމަމް ވޭޖްގެ ގާނޫނު ރިފޯމްކުރުމާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ލޭބާގެ ދާއިރާއަކީ އަދި އެ މިނިސްޓްރީއަށް ވަރަށް ޅަ ދާއިރާއެއް ކަމަށެވެ. މިނިސްޓްރީގައި މިހާރު ލޭބާ ޑިޕާޓްމެންޓެއް އުފެދިފައިވާ ކަމަށާއި، އާ ޑިޕާޓްމެންޓަކަށްވުމުން މިނިސްޓްރީން އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންއާއި އެކީ ވަރަށް ގިނަ މަޝްވަރާތައް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މި ޑިޕާޓްމެންޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީންތައް ދެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ލޭބާގެ ދާއިރާއިން ގައުމަށް ފައިދާހުރި ސިޔާސަތުތައް ދެނެގަތުމަށް ބައިވަރު މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން، ލޭބާ ޑިޕާޓްމެންޓުން މިހާރު ދަނީ މިނިމަމް ވޭޖް ޕޮލިސީ ރިވިއު ކުރަމުން ކަމަށް އޭނާ ހާމަކުރެއްވި އެވެ. މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލާ، ކުރަންޖެހޭ ރިސާޗްގެ މަސައްކަތްތައް ފަށާފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވި އެވެ.
”އޭގެ އިތުރުން އިންޑަސްޓްރިއަލް ރިލޭޝަންސް ބިލްވެސް މިހާރު ވަނީ ގާއިމްކުރެވިފަ. އަދި އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ (މަސައްކަތުގައި ސިއްހީ ރައްކާތެރިކަން) ބިލެއްވެސް ގާއިމްކުރެވިފަ. މީގެ ސަބަބުން އަޅުގަނޑުމެން އިލްތިމާސް ކުރަނީ ޔޫނިއަންތައް އުފެދުމާއި ޔުނިއަންއަށް ބާރުވެރިކަން ދިނުމާއި އަދި އޭގެ އިތުރުން މަސައްކަތްތެރި މާހައުލުގައި އުޅޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހެދޭ ގަވާއިދުތަކާއި ގާނޫނުތައްވެސް މިހާރު އަޅުގަނޑުމެން މި ދަނީ ކުރަމުން“
މަސައްކަތްކުރާ މާހައުލާއި މަސައްކަތް ކުރާ ގަޑިއާއި މިންވަރާއި ގުޅުންހުރި ކަންތައްތައް ބަޔާންކޮށްދޭ ގަވާއިދުތައް ހަރުދަނާކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ. އަދި ”ރައިޓް ޓު ޑިސްކަނެކްޓް ލޯ“ ފަދަ ކަންތައްތަކާއި ގުޅޭ މަޝްވަރާތައް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންއާއިއެކު ކުރަމުންދާ ކަމަށްވެސް އޭނާ ހާމަކުރެއްވި އެވެ. ”ރައިޓް ޓު ޑިސްކަނެކްޓް ލޯ“ އަކީ ގާނޫނުގެ ދަށުން މުވައްޒަފުންނަށް މަސައްކަތުގެ ގަޑިން ބޭރުގައި މަސައްކަތާ ގުޅުން ހުރި މުއާމަލާތްތަކުން ދުރުހެލިވުމުގެ ގާނޫނީ ހައްގު ލިބިދޭ ގާނޫނެކެވެ. މި ފަދަ ގާނޫނެއް ތަޢާރަފުކުރުމަކީ މުވައްޒަފުންގެ އަމިއްލަ ދިރިއުޅުމާއި މަސައްކަތުގެ ދިރިއުޅުމާ ދެމެދު ހަރުދަނާ ވަކިކުރުމެއް ގެނައުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެ އެވެ.
މި މަސައްކަތްތަކަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި ލިބިގެންދާނެ މުހިންމު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ މާރިޔާ ސިފަކުރެއްވި އެވެ. އަދި ރާއްޖޭގެ މަސައްކަތުގެ މާހައުލާއި ގުޅޭ ގަވާއިދުތައް ފަރުމާކުރުމަށް އެންމެހާ މަސައްކަތްތައް ކުރާނެ ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ. މުވައްޒަފުންނަށް ކުރިއެރުން ލިއްބައިދިނުމަށްޓަކައި އުފައްދަންޖެހޭ އެހެނިހެން ވަސީލަތްތައް އުފައްދަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް