ދިވެހި ފިރިހެނުން ޓީޗިންގ ދާއިރާއަށް އަދި މަތީ ތައުލީމުގެ ދާއިރާއަށް ޝައުގުވެރިކަން ނުބާއްވާ ސަބަބު ދަނެގަތުމަށް ދިރާސާއެއް ކުރަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ތައްޔާރުވަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ”ޖަވިޔަނި“ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ އެވެ. މި އިންޓަވިއުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރަނީ ގިނައިން އަންހެނުން ކަމަށާއި، އެހެން ދާއިރާތަކުން ކިޔަވަން ބޭނުންވާ ފިރިހެނުން ވަރަށް މަދު ކަމަށެވެ. މިއީ ވަރަށް ބޮޑު މައްސަލައެއް އަދި ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވި އެވެ.
”އެމްއެންޔޫ އިން ރިސާޗެއް އެބަ ހަދާ. ކީއްވެގެންބާއޭ ފިރިހެނުން ހަޔަރ އެޑިއުކޭޝަންގައި ނެތީ، މަދީ. މި ދިރާސާއިން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެނގިގެންދާނެ ހުރި ގޮންޖެހުންތައް,“ މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޓީޗިންގ ދާއިރާގައި މަސައްކަތްކުރަން ދިވެހިން ބޭނުން ނުވާ ސަބަބުތައްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަންޖެހުމާއި، މަސައްކަތުގެ ބުރަ ހެލިކަމާއި، އެކަށީގެންވާ މުސާރައެއް ނުލިބުން ހިމެނެ އެވެ. ނަމަވެސް، ބައެއް ދަރިވަރުން ޤައުމަށް ފައިދާހުރި ކަމެއް ކުރުމުގެ ގޮތުން މި ދާއިރާއަށް ޝައުޤުވެރިކަން ދައްކާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ މާރިޔާ ވަނީ ވީހާވެސް ގިނަ ދަރިވަރުން ޓީޗިންގ ދާއިރާއަށް ނުކުތުމަށް އިލްތިމާސްކުރައްވާފަ އެވެ. މި ދިރާސާގެ ނަތީޖާއިން، ފިރިހެން ކުދިން މަތީ ތައުލީމަށް ޝައުޤުވެރިނުވާ ސަބަބުތައް ދެނެގަނެ، އެކަމަށް ޙައްލެއް ހޯދުމަށް މަގުފަހިވާނެ ކަމަށް އުއްމީދުކުރެވެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް