އާސަންދަ ނިޒާމްގެ ދަށުން ގިނަގިނައިން ސިއްހީ ޓެސްޓްތައް ނުހެދޭ ގޮތަށް ހަދަން ހެލްތް މިނިސްޓްރީއާއި ވާހަކަދައްކަމުންދާ ކަމަށް އާސަންދަ ކުންފުނީގެ އެމްޑީ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެ އެވެ.
ޒީނިޔާ މިގޮތަށް ވިދާޅުވީެ އާސަންދައިގެ ހިދުމަތްތަކުގެ އަގުތަކާއި އެ ސްކީމްގެ ދަށުން ދޫކުރެވޭ ބޭހުގެ އަގުތަކާ ގުޅޭގޮތުން އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ނެވެ. ޒީނިޔާ ވިދާޅުވީ ކުންފުނިން މިގޮތަށް މަޝްވަރާ ކުރަން ފެށީ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށެވެ.
ޒީނިޔާ ވިދާޅުވީ ކޮންމެހެން ބޭނުން ނުވާ ގޮތަށް ތަކުރާރުކޮށް ޓެސްޓް ކުރުން ހުއްޓުވުމަށް ނިޒާމީ ބަދަލުތަކެއް ކަމާބެހޭ ފަރާތްތަކުން ތައާރަފް ކުރަން ފަށާފައިވާ ކަމަށެވެ.
”މިސާލަކަށް ވަކި ޓެސްޓެއް ތިން މަސް ފަހުން ނޫނީ ނުހެދޭނެ ގޮތަކަށް. ނޫނީ ޑޮކްޓަރަށް އެލާޓެއް ދާނެއޭ ތިން މަސް ކުރިން އެ ޓެސްޓެއް ހަދާފައި އިންނަމަ. އޭރުން ފަސޭހަވާނެ އެ ޑޮކްޓަރަކަށް ފިޔަވަޅު އަޅަން ވެސް ހަދާފައި އިންދާ އަލުން ހަދަން ޖެއްސީ ކީއްވެތޯ ޖަސްޓިފިކޭޝަނެއް ނުދީ،“
ޒީނިޔާ ވިދާޅުވީ އާސަންދައިގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ރޭޓް ކޮންޓްރޯލް ކުރުމަށް ފަރުވާގެ ގައިޑްލައިންތައް އެކުލަވާލުމުގައި ވެސް ހެލްތު މިނިސްޓްރީއާ ގުޅިގެން އާސަންދައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޒީނިޔާ ވިދާޅުވީ ހުރިހާ މެޑިކަލް ފެސިލިޓީތަކުން ވެސް އެ ގައިޑްލައިންތަކަށް އަމަލުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެ ގައިޑްލައިންތަކުގެ ސަބަބުން ކޮންމެހެން ބޭނުން ނުވާ ޓެސްޓްތައް ހެދުން ކުޑަ ކުރެވޭނެ ކަމަށެވެ.
ހެލްތު އިންޝުއަރެންސްގެ ހިދުމަތް އިސްލާހުކޮށް ދެމެހެއްޓެނިވި ފެންވަރެއްގައި ހަރަދުތައް ބެލެހެއްޓުމަށް ކުރާ މަސައްކަތުގެ ތެރެއިން ހާއްސަ ޕެކޭޖުތައް އެކުލަވާލުމުގެ މަސައްކަތް ވެސް އާސަންދައިން ކުރަމުން އަންނަ ކަމަށް ޒީނިޔާ ވަނީ މީގެ ކުރިން އިއުލާންކުރައްވާފަ އެވެ.
އަންގާރަ ދުވަހު ކޮމިޓީގައި ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ ޕެކޭޖުތައް އެކުލަވާލުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. ޒީނިޔާ ބުނި ގޮތުގައި ޕެކޭޖުތައް ފައިނަލް ވުމުން އާސަންދަ ފޯރުކޮށްދޭނީ ޕެކޭޖްތަކަށް އެއްބަސްވާ މެޑިކަލް ފެސިލިޓީތަކަށެވެ.