ފައިސާ ދީގެން އެހެން މީހުން ލައްވައި އެސައިންމަންޓް ހެދުމަކީ ދަރިވަރުންގެ އަމިއްލަ ތަރައްޤީ ނުވަތަ ތެދުވެރިކަން ނެތުމުން ކުރާ ކަމެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވެފައިވަނީ ’ޖަވިޔަނި‘ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. މި އިންޓަވިއުގައި މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ކިޔެވުމުގައި އަދި ކޮންމެ ކަމެއް ކުރުމުގައިވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި އިންޓެގްރިޓީ އޮންނަންޖެހެ އެވެ.
”އޭގެ މާނައަކީ އެމީހަކު ކުރާ ކަމަކީ މީހަކު ނުބަލާ ކަމުގައިވިޔަސް ހޮނެސްޓްލީ ކުރާ ކަމެއްގެ ގޮތަށް ދައްކަން އެބަ ޖެހޭ،“ މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ މާރިޔާ އިތުރަށް ވިދާޅުވި ގޮތުގައި ތެދުވެރިކަމަކީ ކިޔެވުމުގެ ތެރޭގައި އަދި ވަޒީފާގެ މާޙައުލުގައިވެސް ދަސްކުރަންޖެހޭ ކަމެކެވެ. އަދި އަމިއްލަ ނަފްސަށާއި މަސައްކަތުގެ މާޙައުލަށް ތަރައްޤީ ލިބޭނީ ދަރިވަރު އަމިއްލައަށް މަސައްކަތް ކުރުމުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރ މާރިޔާ ދަރިވަރުންނަށް އިލްތިމާސް ކުރެއްވީ އެސައިންމަންޓް ހެދުމުގައި ނުވަތަ އޮންލައިން ޓެސްޓު ހެދުމުގައިވެސް އަމިއްލަ ސިކުނޑި ބޭނުންކޮށްގެން އަމިއްލަ ޖަވާބު ލިޔުމަށެވެ.
”ޓާނިޓިން ކޮންމެވެސް ވަރަކަށް އޭއައި ބޭނުންކޮށްފައި ހުންނަކަން ފާހަގަ ކޮށްފައި ހުންނަނީ، އެހެންނަމަވެސް އެއީކީ 100 ޕަސެންޓް އަޅުގަނޑުމެންވެސް ހަމަ ތަރައްޤީވެފައި އޮތް ޓޫލްއެއް ނޫން،“ މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ މާރިޔާ އިތުރަށް ވިދާޅުވީ، މިނިސްޓަރުގެ އެދުމަކީ ހުރިހާ ދަރިވަރުންވެސް ތެދުވެރިކަމާއެކު މަސައްކަތް ކޮށްގެން އެސައިންމަންޓްތައް ހެދުން ކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް