މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލް އަރުޤަމް ވަޤްފް އިމާރާތުގެ ކުރެހުން ތައްޔާރުކުރުމަށް އީޕޮކް އެސޯސިއޭޓްސްއާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާއި ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވަޒީރު ވިދާޅުވީ، އިމާރާތުގެ ކުރެހުން ވީހާވެސް އަވަހަށް ނިންމާ ކުރިއަށް އޮތް އަހަރުގެ ކުރީކޮޅު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާކަމަށާއި، މި މަސައްކަތަކީ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ، އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދާނެކަމަށާއި ވީހާވެސް އަވަހަށް މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރެއްވުމަށް އެ ކުންފުނިން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ދައުރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫއުއަކީ ދާރުލްއަރުޤަމް މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި އެޅުމަށް ތައްޔާރުވަމުންދާ ދާރުއްސަލާމް ވަޤުފް އިމާރާތުގެ މަޝްރޫއު އެވެ. މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާލެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބަޖެޓަށް ބޮޑު ލުއިއެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެ އެވެ.