ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުތަކުގެ އޮޕަރޭޝަންތައް ފެށޭނީ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއްޔެ އިއުލާން ކުރައްވައިފި އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުތައް ބޭނުންކުރުން ޖެނުއަރީ މަހުގެ ނިޔަލަށް ފަށާނެކަން ހާމަކުރައްވާފަ އެވެ.
275 ފަސިންޖަރުންނަށް އިށީނދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ވައިޑް ބޮޑީ މަތިންދާބޯޓުތަކުގެ ސަބަބުން ދިގު ދަތުރުތަކުގެ މަންޒިލްތަކަށް ސީދާ ދަތުރުތައް ފަހިވެ، އެއާލައިންގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާވެގެންދާނެ އެވެ.
މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަންތައް ބޮޑުވަމުންދާ ވަރަކަށް، ކުރިއަށް އޮތް އަހަރު ޗައިނާ އާއި ޔޫރަޕްގެ މަންޒިލްތަކަށް އެ އެއާލައިނުން ދަތުރުތައް ފަށާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
މިދިޔަ ޑިސެމްބަރު މަހު ”މިހާރު ނިއުސް“އާ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ފާހަގަކުރެއްވި ގޮތުގައި މޯލްޑިވިއަން އެއާލައިންސްގެ އަމާޒަކީ ހަ މަސް ދުވަހުގެ ތެރޭގައި ދެ ވައިޑް ބޮޑީ މަތިންދާބޯޓު، އެ އެއާލައިންގެ ފްލީޓަށް އިތުރުކުރުމެވެ. އޭނާ އިތުރަށް ވިދާޅުވީ އާ ފްލީޓް އިތުރުކުރުމުގެ ސަބަބުން އާ ހަތް މަންޒިލަކަށް ދަތުރުކުރެވޭނެ ކަމަށެވެ.
އެ އެއާލައިނުން ޗައިނާގެ ތިން ސިޓީއަކާއި ދެކުނު އެފްރިކާގެ ޖޯހަންސްބާގް އަދި ޔޫރަޕްގެ ތިން ސިޓީއަކަށް ވައިޑް ބޮޑީ މަތިންދާބޯޓުން ދަތުރުކުރުމަށް އަމާޒުކޮށްފައިވެ އެވެ.
މީގެ ކުރިން މޯލްޑިވިއަން އެއާލައިންސް އިން ޗައިނާ އާއި ދެކުނު އެފްރިކާއަށް ދަތުރުކުރަމުން އައީ އެއާބަސް މޮޑެލްތައް ބޭނުންކޮށްގެން ނެވެ. ނަމަވެސް މި މަތިންދާބޯޓުތަކަކީ ސީދާ ދިގު ދަތުރުތަކަށް އެކަށީގެން ނުވާ މަތިންދާބޯޓުތަކަކަށް ވާތީ އެހެން ތަންތަނުގައި ޓްރާންސިޓް ވާން ޖެހުނެވެ.
މިހާރު މޯލްޑިވިއަން އިން 15 މަތިންދާބޯޓުގެ ފްލީޓެއް ހިންގާއިރު، އޭގެ ތެރޭގައި އެއާބަސް އޭ320 އެއް އަދި އޭޓީއާރު ދެ މޮޑެލް ހިމެނޭއިރު، ބާކީ އޮތީ ޑޭޝް މަތިންދާބޯޓެވެ. އެއާބަސް އޭ320 އަކީ ބައިނަލްއަގްވާމީ ރޫޓުތަކަށް ބޭނުންކުރާ ހަމައެކަނި މަތިންދާބޯޓެވެ.
މޯލްޑިވިއަން އިން މިހާރު އެތެރޭގެ 17 މަންޒިލެއްގެ އިތުރުން އިންޑިއާ، ސްރީލަންކާ، އަދި ބަންގްލަދޭޝްއަށް ދަތުރުކުެރުމުގެ ހިދުމަތް ދެ އެވެ.