ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން އަދިވެސް ނުހުއްޓޭ ކަމަށާއި، ކުރިންވެސް އެ ކުންފުނިތަކުގެ ކޮރަޕްޝަނާ ގުޅޭގޮތުން އިވުނު ވާހަކަތައް މިހާރުވެސް އިވެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަހުސް ކުރިއަށްގެންގޮސްފައިވާއިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށް ބޮޑު ހޭދައެއް ކުރާ ކަމަށާއި ނަމަވެސް އެ ކުންފުނިތަކުގެ ކަންކަން އިސްލާހުވާތަން ނުފެންނަ ކަމަށެވެ.
ކުންފުނިތަކުން ހިންގާ ކޮރަޕްޝަންގެ ކަންކަން ހުއްޓޭތަން އަދިވެސް ނުފެންނަކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އެކަމާ ގުޅޭގޮތުން އިވޭ ވާހަކަތައް އަދިވެސް ނުހުއްޓި އިވެމުންދާ ކަމަށެވެ. އަދި މިމައްސަލަތައް ހައްލުކުރުމަށް ފިނޭންސް މިނިސްޓަރު ފިޔަވަޅުތައް އަޅުއްވަންޖެހޭކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އާސަންދައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމު ރިފޯމް ކުރާ ވަރަށް ވުރެ ހާލަތު ގޯސް ކަމަށެވެ.
”އަސްލު ކެންސަރު ޖެހިފައި ވަނީ އާސަންދައަށް، އަޅުގަނޑުމެން އެބަޖެހޭ އެހެން ވިސްނުމެއް ގެންގުޅެން.“ ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެއާ މޯލްޑިވްސްއާ އެހެން ކުންފުނިތައް ވެސް ދޫކޮށްލި ފަދައިން އާސަންދަ ދޫކޮށްލާ އަލުން ފެށުމާދޭތެރޭ ވިސްނަންޖެހޭ ކަމަށެވެ.
ބޭރުގެ ހޮސްޕިޓަލްތަކާއެކު އާސަންދައިން ހަދާފައި ހުންނަ އެއްބަސްވުންތަކުގައި މެދުވެރިއަކު ހުންނަކަމަށްވިދާޅުވެ ނާޒިމް ވިދާޅުވީ ޗާޖުކޮށްފައި ހުންނަ އަގުތަކަކީ ގަބޫލުކުރަން ދަތި ވަރަށް ބޮޑެތި އަގުތަކެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ދައުލަތުގެ ބަޖެޓް