ކަށަވަރު ކުރަންޖެހޭ ކަންކަމާއި ގުޅިގެން ”ގެދޮރުވެރިޔާ“ ފްލެޓް ލިސްޓް އިއުލާންކުރުން އަނެއްކާވެސް ހައުސިން މިނިސްޓްރީން ފަސްކޮށްފި އެވެ.
މިއަދު ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އަދިވެސް ކަށަވަރުކުރަން ޖެހޭ ކަންކަން ހުރުމާއެކު މި ލިސްޓް އާންމުކުރާ ތާރީހު ފަސްކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
އެ ބަޔާނުގައިވާ ގޮތުގައި ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރަން އިތުރު ވަގުތު ބޭނުންވާތީ، ދާއިމީ ލިސްޓު އިއުލާނުކުރުން އަނެއްކާވެސް ފަސްކޮށްފައިވާ ކަމަށް ބުނެފަ އެވެ.
”މި ސްކީމުގެ ވަގުތީ ލިސްޓްއާއި ރީ-އިވެލުއޭޝަން އާއި ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް އާންމުކުރާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން“
އެ މަސައްކަތްތައް އިތުރު މުއްދަތެއް ކަމުގައިވިޔަސް ސަރުކާރުގެ މަގްސަދަކީ އެ ސްކީމުން ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެންނުދާނެކަން ކަށަވަރުކުރުމާއެކު، ސްކީމުގެ ދަށުން ތަރައްގީކުރާ ފްލެޓްތައް ދޫކުރެވޭނީ ހައްގުވެރިންނަށް ޔަގީންކުރުން ކަމަށް ބަޔާނުގައި ބުންޏެވެ.
ހައުސިން މިނިސްޓްރީއިން ކުރިން ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިދިޔަ މަހު ޢާންމު ކުރެވޭނެކަމަށެވެ. ނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށައެޅި ހުރިހާ ފޯމުތަކެއް ބަލަމުންދާތީ، އެކަމަށް އިތުރު ވަގުތު ބޭނުންވާތީ ލިސްޓް ނެރުން ލަސްކުރީ ކަމަށްވެސް އެ މިނިސްޓްރީއިން ބުނެފައިވެ އެވެ.
ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން 15,000 އަށްވުރެ އިތުރު ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 9,000 ފަރާތަކީ ފުލެޓަށް ޝަރުޠު ހަމަވާ ފަރާތްތައްކަމަށް މިދިޔަ ސަރުކާރުން ނިންމާފައިވެ އެވެ. މީގެއިތުރުން، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ޢިމާރާތްކުރަމުންދާ 4,000 ފުލެޓުގެ ޙައްޤުވެރިންގެ ވަގުތީ ލިސްޓެއްވެސް އެ ދުވަސްވަރު ޢާންމުކޮށްފައިވެ އެވެ.
އެހެންނަމަވެސް، މި 4,000 ފްލެޓުގެ ޙައްޤުވެރިން ކަނޑައަޅައި ޢާންމުކުރެވުނު ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފާހަގަކުރުމާ ގުޅިގެން، އެ ފަރާތްތަކަށް ފްލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީގޮތުން މެދުކެނޑުނެވެ. އެގޮތުން އޭސީސީން ބުނެފައިވާ ގޮތުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 59.6% އަކީ ޝަރުތު ހަމަނުވާ ފަރާތްތަކެވެ. އޭގެފަހުން، މިހާރުގެ ސަރުކާރުން އެ ލިސްޓު އަލުން ވަޒަންކުރުމުގެ މަސައްކަތް ފަށާފައިވެ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހައުސިން މިނިސްޓްރީ