ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްތީނުގެ މިނިވަންކަން އިޢުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ފަލަސްތީނުގެ ރައްޔިތުން އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ދައްކަމުންދާ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ނުހަނު ތަޢުރީފު ކުރައްވާފައިވެ އެވެ. އަދި މި މުނާސަބަތުގައި ފަލަސްތީނުގެ ލީޑަރުންނަށް ހެޔޮ އެދުންތައްވެސް ފޮނުއްވާފައިވެ އެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްތީނަށް ލިބެމުންދާނެކަމުގެ ޔަޤީންކަން ދެއްވާފައިވެ އެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްތީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައިވެ އެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު މެސެޖު ނިންމަވާލައްވާފައިވަނީ ފަލަސްތީނުގެ ރައީސް، ބޮޑުވަޒީރު އަދި އެ ޤައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުން ނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ފަލަސްތީން