ކުއްލި ހާލަތްތަކުގައި އެހީތެރިކަމަށް އެދި ގުޅަން ”ޝޯޓްކޯޑް ލައިން“ 911 ރާއްޖޭގައި ރެއިން ފެށިގެން ބޭނުންކުރަން ފަށައިފި އެވެ.
ރޭ ”911“ އިފްތިތާހު ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ރެއަކީ ރާއްޖެ ރަންއަކުރުން ފަވާލެވޭނެ ރެއެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅުގައި ’ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރެއް’ގެ މުހިންމުކަން އެނގިވަޑައިގަތް ކަމަށާއި، އެވަގުތުން ފެށިގެން އެ ހިދުމަތް އެއް ނަމްބަރަކުން ރައްޔިތުންނަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން، މި ހިދުމަތް ދިނުން ގާއިމްކުރީ ޕޮލިހުންގެ މުއައްސަސާގަ އެވެ. އަދި ޕޮލިހަށް ކަމެއް ރިޕޯޓު ކުރުމާއި އެމްބިއުލާންސްގެ ހިދުމަތާއި ކޯސްޓްގާޑާއި ފަޔާ އެންޑް ރެސްކިޔު ހިދުމަތް ވެސް 911 އިން ދޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ރޭ ފެށި މި ހިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދާނީ ރަނގަޅުވަމުން ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ ބައެއް ކަންކަން ހިއްސާ ކުރައްވައިފަ އެވެ.
އޭގެ ތެރޭގައި:
- ކޮމިޔުނިކޭޝަން ސިސްޓަމްތައް އެޑްވާންސްކުރުން
- – ޖީއައިއެސް މެޕް ކުރެވޭނެ ނިޒާމަކަށް ބަދަލުކުރުން
- – ޑިސްޕެޗް ސޮފްޓްވެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޑިސްޕެޗް ސެންޓަރުތަކުން ވެސް އެ ހިދުމަތް ލިބޭނެ ގޮތަށް ހެދުން
- – ރެސްޕޮންސް ޓައިމް އަވަސް ކުރުން (ހާދިސާއާ ހިސާބަށް ދެވޭނެ ވަގުތު އަަވަސް ކުރުން)
- – ކޯލް ސެންޓަރުގައި ހިދުމަތްދޭ މުވައްޒަފުންގެ ކެޕޭސިޓީ އިތުރު ކުރުމަށް ތަމްރީނު ދިނުން
- – 911 ކޯލް ނަގާ މީހާއަށް ދޭން ޖެހޭ ޓެކްނިކަލް ޓްރެއިނިންގް ދިނުން
މިނިސްޓަރ ވަނީ އާއްމުންނާ ގުޅިފައިވާ މިފަދަ މުހިންމު ހިދުމަތެއް، ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށްވެސް އިލްތިމާސް ކުރައްވައިފަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ދިވެހި ފުލުހުންގެ ޚިދުމަތް