ހަރަދު ކުޑަކުރަން ފިޔަވަޅު ނާޅައިފިނަމަ ބަޖެޓު ތަންފީޒުކުރަން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އިއްޔެ ކުރިއަށްގެންދިޔަ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފަ އެވެ. ބަޖެޓާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ދެކޭގޮތް ހިއްސާކުރުމުން ކޮމިޓީގައި ބުނެފައިވަނީ، ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކަކީ އެކަމުގެ އަސަރު ހުރިހާ ރައްޔިތުންނަށް ވެސް ކުރާނެ ކަމެއް ކަމަށެވެ. އެހެންކަމުން ދުރާލައި އެ ފިޔަވަޅުތަކަށް ރައްޔިތުން ހޭލުންތެރިކޮށް ކަމުގެ މައުލޫމާތު ހިއްސާކުރަން ޖެހޭ ކަމަށެވެ.
އޮޑިޓް އޮފީހުން ބުނެފައިވަނީ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް ނާޅައިފިނަމަ، ބަޖެޓުގައި ހުރި ކަންކަން ތަންފީޒުކުރަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ކަންކަން ހަމަޖެއްސުމަށް 6.6 ބިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވާކަން ފާހަގަކޮށް އޮޑިޓް އޮފީހުން ބުނެފައިވަނީ އެފައިސާއަކީ އަދި ލިބިފައި ނުވާ ފައިސާކަން ފާހަގަވާ ކަމަށެވެ. އަދި ސޮވެރިން ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާއިރު ލުއި ޝަރުތުތަކާއެކު ބޭރުގެ ފަރާތްތަކުން ބޮޑެތި އަދަދުތަކުން ފައިނޭންސް ހޯދުމަށް ދަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މީގެއިތުރުން އޮޑިޓް އޮފީހުން ބުނެފައިވަނީ ދައުލަތުގެ ހަރަދުތައް ބޮޑުވުމަކީ، ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާ ދަނޑިވަޅެއްގައި، ހަރަދުތައް ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ހާލަތެއް ކަމަށެވެ.