ރާއްޖޭގެ މެޖޯރިޓިއަކީ އާދައިގެ ރައްޔިތުން ކަމަށާއި ސަރުކާރުން ކަންކަން ނިންމާނީ މުޅި ގައުމަށް ފައިދާވާ ގޮތަށްކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ނަރީޝް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މިއީ ދާދިފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އެކުލަވާލި ބޭރު ފައިސާގެ ގަވައިދުގެ ދަށުން، ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަތުން 500 ޑޮލަރު މަރުކަޒީ ބޭންކަށް މާރުކުރަން ލާޒިމްކުރި ކުރުމާ ދެކޮޅަށް ރިސޯޓުތަކުގެ ވެރިން ވާހަކަދައްކަވަން ފެށުމުން ނަރީޝް ކުރެއްވި ޕޯސްޓެއްކަމަށް ބެލެވެ އެވެ.
ނަރީޝް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވަމުން އެގެންދަވަނީ އެހެން ރައީސުންނަށް ކުރަން ނުކެރުނު މުޅިގައުމަށާއި ރައްޔިތުންނަށް ދުރު ރާސްތާ އަދި ކުރު ރާސްތާގައި ލާބަޔާއި މަންފާކުރާނެ އުނދަގޫ ނިންމުންތަކެއްކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންނަކީ އާދައިގެ ދިރިއުޅުމެއް އުޅެންޖެހިފައިވާ ރައްޔިތުން، ކަންކަން ސަރުކާރުން ނިންމަންވާނީ މެޖޯރިޓީ އަދި މުޅިގައުމަށް ފައިދާވާގޮތަށް! އަދުގެ ރައީސް ޑރ. މުއިއްޒު ނިންމަވަމުން އެގެންދަވަނީ އެހެން ރައީސުންނަށް ކުރަން ނުކެރުނު މުޅިގައުމަށާއި ރައްޔިތުންނަށް ދރު ރާސްތާ އަދި ކުރު ރާސްތާގައި ލާބަޔާއި މަންފާކުރާނެ އުނދަގޫ ނިންމުންތަކެއް!
ގައުމަށް ހެޔޮ އެދޭނަމަ ހުރިހާ ސިޔާސީ ލީޑަރުން މި ނިންމުންތަކަށް މަރުހަބާ ކިޔާ، އެއްބާރުލުން ދޭންޖެހޭކަމަށް ނަރީޝް ވިދާޅުވި އެވެ.
ނަރީޝް މި ޕޯސްޓް ކުރެއްވުމުގެ ކުރިން ރައީސް މުއިއްޒުވެސް ވަނީ އެކްސްގައި މިފަދަ ޕޯސްޓެއް ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ނިކަމެތި ރައްޔިތުންނަށް ފައިދާއެއްވާން ނޭދޭ ވެރިން ކުރިއަށްއޮތްތާ ސާފުވާނެކަމަށެވެ. އަދި މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތްކުރާނީ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އެކުލަވާލި ބޭރު ފައިސާގެ ގަވައިދުގެ ދަށުން، ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަތުން 500 ޑޮލަރު މަރުކަޒީ ބޭންކަށް މާރުކުރަން ލާޒިމްކުރި ކުރުމާ ދެކޮޅަށް ރިސޯޓުތަކުގެ ވެރިން ވާހަކަދައްކާފަ އެވެ. އެގޮތުން ރާއްޖޭގެ ނަން މަޝްރޫއު ގިނަ ރިސޯޓް ބްރޭންޑްތައް ހިންގާ ވިޔަފާރިވެރިން ވަނީ އެ ގަވައިދުގެ ދަށުން ފަތުރުވެރިންގެ އަތުން 500 ޑޮލަރު އެމްއެމްއޭއަށް މާރުކުރުމަކީ ނުވާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހުމަދު ނަރީޝް އެމްއެމްއޭ