ކޭޕާކް މައްސަލައިގައި ދައުވާއުފުލި ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ)ގެ އެޕާޓްމެންޓާއި މުދާ ޝަރީއަތް ނިމެންދެން ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
ކޭޕާކް މައްސަލައިގައި މަންޑޭގެ ޕެންޓަހައުސް އަދި މުދާ ހިފެހެއްޓުމުގެ އަމުރެއް ކުރިން ނެރެފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ އަމުރު ނެރެފައިވަނީ އެއް އަހަރުގެ މުއްދަތަކަށެވެ.
މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވަނީ އެ އަމުރުގެ މުއްދަތު މާދަމާއަށް ހަމަވާތީ އެ މުއްދަތު އިތުރު ކުރުމަށް އެދިފަ އެވެ. އަދި ޝަރީއަތް ނިމެންދެން އެ މުދާތައް ހިފަހައްޓައިދިނުމަށާއި އެ މުދާތައް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް އަމުރު ކޮށްދިނުމަށް އެދިފައިވެ އެވެ. ދައުލަތުގެ މި ހުށަހެޅުމާއި ގުޅިގެން މަންޑޭގެ ވަކީލް ބުނެފަައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި އެ މުދާތައް ބެހެއްޓުމަށް ބޭނުންވާ ސަބަބެއް ސާފު ނުވާ ކަމަށެވެ.
މިކަމުގައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ދައުލަތުން އެދުނު ގޮތަށް، ޝަރީއަތް ނިމެންދެން މުދާތައް ހިފެހެއްޓުމަށް އަމުރު ނެރެދިނުމަށެވެ.
ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ 12 ޑިސެންބަރު 2023 ދުވަހުއެވެ. މި މައްސަލައިގައި މަންޑޭގެ މައްޗަށް، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 50 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ދައުވައެއް އުފުލާފައިވެއެވެ.
މީގެއިތުރުން ދައުވާ އުފުލި ސައީދުގެ މައްޗަށް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 20 ދައުވާ، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާ، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ އަދި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެއް އުފުލާފައިވެއެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ ދައުވާ ކޮށްފައިވަނީ ކޭޕާކް ރެޒިޑެންސްގެ ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ މައްސަލަތަކާއި ގުޅޭ ދަޢުވާތަކެއް ކަމަށެވެ. މި 23 އެޕަރޓްމަންޓް 50 މީހުންނަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ކަމަށެވެ. މިގޮތުން ބައެއް އެޕަރޓްމަންޓް 6 މީހުންނަށްވެސް ވިއްކާފައި ހުރިކަމަށެވެ.