ކާން ގެންގުޅޭ ތަށްޓެއް ބިންމައްޗަށް ވައްޓާލާ ތަޅާލި މައްސަލައިގައި މީހަކަށް ޖަލު ހުކުމެއް އިއްވައިފި އެވެ.
މި މައްސަލައިގައި، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލައް މުހައްމަދު ސައީދުގެ މައްޗަށެވެ. މީނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 23 ފެބްރުއަރީ 2024 ވަނަ ދުވަހު ފުވައްމުލަކު ގެއެއްގެ ބަދިގޭގައި ހުރެ، ބަދިގޭގެ މޭޒުމަތީގައި ހުރި ކާން ގެންގުޅޭ ތަށްޓެއް ބިންމައްޗަށް ވައްޓާލައި ތަޅާލާފައިވާ ކަމަށެވެ.
މިމައްސަލައިގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މީނާ ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. މިނާއަކީ މިވަގުތުވެސް މާފުށީ ޖަލުގައި ހުރި މީހަކަށްވުމުން އަވަސް ނިޔާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ މާފުށީ މެޖިސްޓްރޭޓް ކޯޓުގަ އެވެ.
އުފުލާފައިވާ ދައުވާއަށް މީނާ އިއުތިރާފުވެފައިވުމުން މީނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި 27 ދުވަހުގެ މުއްދަތަށް މީނާ ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.