ހުޅުމާލެ ފޭސް 2 ގައި މީހަކު ރަހީނުކޮށް ބަހައްޓާފައިވާ ހިޔާ ފްލެޓު ތެރެއިން އެކި ބާވަތުގެ މަސަތުވާތަކެތި ފެނިފައިވާކަން ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބަލަމުން ގެންދާ މައްސަލަތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ ފްލެޓް ތެރެއިން ބަނގުރާކަމަށް ޝައްކު ކުރެވޭ ތަކެއްޗާއި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެހި އަޅާފައިވާ ތަކެތިވެސް ފެނިފައިވާކަމަށް ބުނެފަ އެވެ.
އެގޮތުން ޓައިގާ ބްރޭންޑްގެ ބިޔަރު ދަޅުކަމަށް ޝައްކު ކުރެވޭ ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސް ކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި އަޅާފައިވާ ސެލޯފިންއާއި ރަބަރު ޕެކެޓުތަކެއްވެސް ފުލުހުން ވަނީ ހޯދާފަ އެވެ.
ފުލުހުން ބުނީ އެތަނަށް ފުލުހުން ވަތްއިރު ރަހީނުކޮށްފައިވާ މީހާ އިނީ ސިޓިން ރޫމްގައި ކަމަށާއި އޭނާގެ ބޮލުގެ އިސްތަށިތަކާއި ތުނބުޅިވެސް ބާލާފައިވާ ކަމަށެވެ. އަދި އެތަނަށް ފުލުހުންނަށް ދެވުނީ އޭނާގެ އިނގިލި ބުރިކޮށްލާނެކަމަށް އިންޒާރު ދީފައިވަނިކޮށްކަމަށް އެ މީހާ ބުނިކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ އެޕާޓްމެންޓްގެ ކޮޓަރިއެއްގެ ތެރެއިން ކަޓަރު ތިލައަކާއި ވަޅިއެއްވެސް ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 12 މީހުންނާއި ރަހީނުކޮށްފައިވާ މީހާއާ ގުޅުމެއް އޮންނަކަމަށް މިހާތަނަށް ފާހަގަވެފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ. އެގޮތުން އެ މީހާއާއި ހައްޔަރު ކުރި 12 މީހުންނާ ދެމެދު މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ޝައްކުތަކެއް އެބަ ހުރިކަމަށްވެސް ބުނެފައިވެ އެވެ.