ވިދާޅުވެފައިވާގޮތަށް މި ހަފްތާ ނިމުމުގެ ކުރިން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ 4000 މީހުންގެ ނަންތައް އާންމުކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ހިޔާވެހި ފައިނޭންސް ސްކީމްގައި ބައިވެރިވުމަށް މަސްވެރިންނަށް ކުރިމަތިވާ ހުރަސްތަކާއި ގުޅޭގޮތުން މައުލޫމާރު ދިނުމަށް ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އަމާޒުކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ހަފްތާ ނިިމުމުގެ ކުރިން ފްލެޓް ލިސްޓު އާންމުކުރައްވާނެ ކަމަށެވެ. އެ ނޫސްވެރިޔާ ތަކުރާރުކޮށް، އާންމުކުރާނެ ދުވަހަކީ ކޮބައިތޯ މިނިސްޓަރު އަރިހުގައި އެއްސެވުުމުން، ސީދާ ދުވަސް ވިދާޅުނުވެ މިނިސްޓަރު ވިދާޅުވީ ހަފްތާ ފެށޭ ދުވަހުގެ ކުރީ ދުވަހު ލިސްޓު އާންމު ކުރައްވާނެ ކަމަށެވެ. އެއީ އަންނަ ހޮނިހިރު ދުވަސް އެވެ.
”އަދިވެސް އަޅުގަނޑު ތަކުރާރުކޮށް ދަންނަވާނީ ހަފްތާ ފެށޭ ދުވަހުގެ ކުރީ ދުވަހު (ހޮނިހިރު ދުވަހު) ލިސްޓު އާންމުކުރާނަން.“
ހައުސިން މިނިސްޓްރީއިން ކުރިން ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިދިޔަ މަހު ޢާންމު ކުރެވޭނެކަ މަށެވެ. ނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށައެޅި ހުރިހާ ފޯމުތަކެއް ބަލަމުންދާތީ، އެކަމަށް އިތުރު ވަގުތު ބޭނުންވާތީ ލިސްޓް ނެރުން ލަސްކުރީ ކަމަށްވެސް އެ މިނިސްޓްރީއިން ބުނެފައިވެ އެވެ.
އެންމެފަހުން މިނިސްޓްރީން ބުނެފައިވަނީ މި ހަފްތާގެ ތެރޭގައި ލިސްޓު އާންމުކުރައްވާނެ ކަމަށެވެ. އެހެންވެ ގިނަ ބަޔަކު އުއްމީދުކޮށްތިބީ، ހަފްތާ އެންމެފަހު މަސައްކަތު ދުވަހު (މިއަދު) ލިސްޓު އާންމުކުރާނެ ކަމަށެވެ.
ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން 15,000 އަށްވުރެ އިތުރު ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 9,000 ފަރާތަކީ ފުލެޓަށް ޝަރުޠު ހަމަވާ ފަރާތްތައްކަމަށް އެމްޑީޕީ ސަރުކާރުން ނިންމާފައިވެ އެވެ. މީގެއިތުރުން، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ޢިމާރާތްކުރަމުންދާ 4,000 ފުލެޓުގެ ޙައްޤުވެރިންގެ ވަގުތީ ލިސްޓެއްވެސް އެ ދުވަސްވަރު ޢާންމުކޮށްފައިވެ އެވެ.
އެހެންނަމަވެސް، މި 4,000 ފުލެޓުގެ ޙައްޤުވެރިން ކަނޑައަޅައި ޢާންމުކުރެވުނު ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފާހަގަކުރުމާ ގުޅިގެން، އެ ފަރާތްތަކަށް ފުލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީގޮތުން މެދުކެނޑުނެވެ. އެގޮތުން އޭސީސީން ބުނެފައިވާ ގޮތުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 59.6% އަކީ ޝަރުތު ހަމަނުވާ ފަރާތްތަކެވެ. އޭގެފަހުން، މިހާރުގެ ސަރުކާރުން އެ ލިސްޓު އަލުން ވަޒަންކުރުމުގެ މަސައްކަތް ފަށާފައިވެ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހައުސިން މިނިސްޓްރީ