މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުން މަސްވެރިންނަށް ލޯން ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިިދަރު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ހައިދަރު ވިދާޅުވީ، އިންފޯމަލް ސެކްޓަރއަށް ނިސްބަތްވުމުގެ ސަބަބުން ބޭންކުތަކުން ލޯނު ހޯދުމުގައި ދަތިތައް ދިމާވުމަކީ މަސްވެރިން އަބަދުވެސް ކުރަމުންދާ އެއް ޝަކުވާ ކަމަށެވެ.
”ވަކި ތަރުތީބަކުން ނޫން މަސްވެރިންނަށް އުޖޫރަ ނުވަތަ މުސާރަ ލިބެނީ. މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަނީ އެއިރެއްގައި ބޭނޭ މަހަކުން ކޮންމެވެސް ވަރެއްގެ މިންވަރެއް. ދެން އޮތީ ބޭންކްތަކުން ބަލާއިރު މިސާލަކަށް ކަނޑައެޅޭ ވަކި އަދަދެއް ކޮންމެ މަހަކު,“ މިނިސްޓަރ ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ދަފްތަރުގައި ރަޖިސްޓްރީ ކުރެވި، މަސްވެރި އުޅަނދުތަކުން ރެކޯޑްތައް ބެލެހެއްޓި، މަސްވެރިންނަށް ލިބޭ އާމްދަނީ ޔަގީން ކުރެވުމުން ލޯނުތަކަށް އެޕްލައި ކުރުމުގައި ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އެހެންކަމުން، މިހާރު ހުޅުވާލާފައި އޮތް ލޯނު ސްކީމްގެ ހުރިހާ ކެޓަގަރީއަކުން މަސްވެރިންނަށްވެސް ކުރިމަތިލެވޭނެ ގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް މަސްވެރިންގެ ދަފްތަރުގައި 50 އިންސައްތަ މަސްވެރި އުޅަނދު ރަޖިސްޓްރީވެފައިވެ އެވެ. މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލުމަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި ދަފްތަރުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ 16 ވަނަ ދުވަހު އެވެ.
ފިޝަރީޒް މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މަސްވެރިކަމާ ބެހޭ އުޅަނދުތައް ދަފްތަރު ކުރުމަށްޓަކައި ރާއްޖޭގެ އެކި އަތޮޅުތަކަށް އެ މިނިސްޓްރީގެ ޓީމުތައް ދަތުރު ކޮށްފައިވެ އެވެ. މިގޮތުން 11 އަތޮޅަކަށް މިނިސްޓްރީގެ ޓީމުތައް ޒިޔާރަތްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހައުސިން މިނިސްޓްރީ