މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއެކު އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ފައިސާ ހޯދުމަށް ދިވެހި ސަރުކާރުން ދަ ނޭޗަރ ކޮންސަރވަންސީ (ޓީއެންސީ) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އަޒަރުބައިޖާނުގައި މިހާރު ކުރިއަށްދާ ކޮޕް29 ސަމިޓުގެ ތެރެއިން ކަމަށެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމްގެ އިތުރުން ޓީއެންސީގެ ގްލޯބަލް ޑިރެކްޓަރު މިސް މެލިސާ ބައިވެރިވެވަޑައިގެންނެވި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި ޕާޓްނަރޝިޕަކީ ދެމެހެއްޓެނިވި އަދި ފާގަތި މުސްތަޤުބަލަކާ ދިމާއަށް އެޅޭ ފިޔަވަޅެއް ކަމަށާއި، ޤުދުރަތީ ގޮތުން ދިމާވާ ގޮންޖެހުންތަކާ ގުޅުންހުރި ޙައްލުތަކަށް ދެމެހެއްޓެނިވި ފައިނޭންސިންގ ހޯދުމަކީ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި ޕާޓްނަރޝިޕް މެދުވެރިކޮށް ފަހިކުރެވޭ ފައިނޭންސިންގ ނިޒާމުތަކުން ފައިސާ ހޭދަކުރާނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި ރަށްރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
1950 ވަނަ އަހަރު ވުޖޫދުވި ޓީއެންސީއަކީ ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އިސް ދައުރެއް އަދާކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން 70 އަށްވުރެ ގިނަ ޤައުމުތަކުގައި މަސައްކަތްކުރަމުންދަނީ ވެށި ހިމާޔަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަން ކުރިއެރުވުމަށެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ތިމާވެއްޓާ ރައްޓެހި ގްރީން ފައިނޭންސިންގގެ އެހީގައި ބައެއް ޤައުމުތަކުގެ ދަރަނި ކުޑަކުރުމުގެ މުޢާމަލާތްތަކުގައި ޓީއެންސީން ކާމިޔާބުކަމާއެކު މަސައްކަތްކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ގެބޯން، ބެލީޒް، ބާބަޑޯސް އަދި ސީޝެލްސް ފަދަ ޤައުމުތައް ހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ފިނޭންސް