ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން އެ ކުންފުނީގެ މަތިންދާބޯޓުތަކަށް ކެޕްޓަނުންނާއި ޕައިލެޓުން ހޯދުމަށް އިޢުލާނުކޮށްފި އެވެ.
މި އިޢުލާނުގައި އޭޓީއާރު މަތިންދާބޯޓުތަކަށް ކެޑެޓް ޕައިލެޓުންނާއި، އެއަރބަސް އޭ320 ރޭޓެޑް ކެޕްޓަނުންނާއި ފަސްޓް އޮފިސަރުންގެ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވާކަމަށް ބަޔާންކޮށްފައިވެ އެވެ.
އޭޓީއާރު ކެޑެޓް ޕައިލެޓުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ސީޕީއެލް(އޭ) އާއެކު މަލްޓި-އެންޖިން އިންސްޓްރުމެންޓް ރޭޓިންގ އަދި އޭޓީޕީއެލް ތިއަރީ ޕޭޕަރުތައް ފުރިހަމަކޮށްފައިވުން ހިމެނެ އެވެ. މީގެ އިތުރުން، ކްލާސް 1 މެޑިކަލް ސެޓްފިކެޓް އަދި އޯލެވެލްގެ 3 މާއްދާއިން ’ސީ‘ ގްރޭޑް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުމަކީވެސް ޝަރުތެކެވެ.
އެއަރބަސް އޭ320 ކެޕްޓަނުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ސައްހަ އަދި މިހާރު ބޭނުންކުރެވޭ އައިކާއޯ އޭޓީޕީއެލް (އޭ) އަދި ޖުމްލަ 5،000 ގަޑިއިރުގެ ފްލައިޓް ޓައިމް ހިމެނެ އެވެ. މީގެ ތެރެއިން މަދުވެގެން 1،500 ގަޑިއިރު އެއަރބަސް އޭ320 ގައި ކޮމާންޑް ތަޖުރިބާ ހުންނަންވާނެ އެވެ.
އެއަރބަސް އޭ320 ފަސްޓް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އީއޭއެސްއޭ/އައިކާއޯ ސީޕީއެލް އާއެކު އޭޓީޕީއެލް ތިއަރީ އަދި އިންސްޓްރުމެންޓް ރޭޓިންގ އަދި ޖުމްލަ 3،000 ގަޑިއިރުގެ ފްލައިޓް ޓައިމް ހިމެނެ އެވެ. މީގެ ތެރެއިން މަދުވެގެން 1،000 ގަޑިއިރު އެއަރބަސް އޭ320 ގައި ފްލައިކޮށްފައި ހުންނަންވާނެ އެވެ.
މި ހުރިހާ މަޤާމުތަކަށްވެސް އައިކާއޯ ލެވެލް 4 އިނގިރޭސި ބަހުގެ ފަރިތަކަން ނުވަތަ އެއަށްވުރެ މަތީ ފެންވަރެއް ހުރުން ލާޒިމުކުރެ އެވެ.
މޯލްޑިވިއަން އިން މި މަޤާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ކުންފުނީގެ ކެރިއަރސް ޕޭޖް މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައިވެ އެވެ.
މޯލްޑިވިއަންގެ ފްލީޓުގައި އެއް އެއަރބަސް އޭ320 މަތިންދާބޯޓު ހިމެނެ އެވެ. މި މަތިންދާބޯޓުގައި 14 ބިޒްނަސް ކްލާސް ގޮނޑިއާއި 138 އިކޮނޮމީ ކްލާސް ގޮނޑި ހުރެއެވެ. މީގެ އިތުރުން، މޯލްޑިވިއަން އިން އޭޓީއާރު، ޑޭޝް8 އަދި ޑީއެޗްސީ-6 ޓްވިން އޮޓަރ ފަދަ އެހެނިހެން ބާވަތްތަކުގެ މަތިންދާބޯޓުތައްވެސް ބޭނުންކު ރެއެވެ. މި މަތިންދާބޯޓުތައް މައިގަނޑު ގޮތެއްގައި ބޭނުންކުރެވެނީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށާއި ބައެއް ބޭރުގެ މަންޒިލްތަކަށެވެ.
މޯލްޑިވިއަން އިން އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ބޭނުންވާ ވައިޑް ބޮޮޑީ މަތިންދާ ބޯޓް މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.