ބައިނަލްއަގުވާމީ މާލީ ނިޒާމުތައް އަލުން މުރާޖައާ ކުރަން ވެއްޖެ ކަމަށާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ބޭނުންވަނީ ބިލިއަނަކުން ނޫން، ޓްރިލިއަނުން ކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަޒަރްބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ އދ.ގެ ތިމާވެއްޓާ ބެހޭ ސަމިޓް، ކޮޕް29 ގައި ތަގުރީރު ކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތްތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީ ދިނުމަށް ފައިސާގެ މިންވަރު ކަނޑައެޅުމުގައި މޫސުމީ ކާރިސާތަކުގެ ހަގީގީ މިންގަނޑުތަކަށް ރިއާޔަތްކުރަންޖެހޭ ކަމަށެވެ.
”ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ ހާލަތާއި މޫސުމީ ބަދަލުތަކަށް ހޭނިފައިވާ މިންވަރު އަދި ގެއްލުންތައް ކުޑަކުރެވޭ މިންވަރާއި ލިބޭ ގެއްލުންތަކަށް ބަލައިގެން މާލީ އެހީ އިތުރުކޮށްދޭން ޖެހޭ,“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ދުނިޔެއިން ފެންނަމުންދަނީ ހަނގުރާމަތަކަށް ނިކަން ފަސޭހަކަމާ އެކު ފައިސާގެ އެހީތެރިކަން އޮއްސަމުންދާތަން ކަމަށާއި، އެކަމަކު މޫސުމީ ބަދަލުތަކަށް ނަމަ އެ އެހީތެރިކަން ފޯރުކޮށްދެނީ ވަރަށް ބަލައިގެން ކަމަށެވެ. އެމަނިކުފާނު ގޮވާލެއްވީ އިސްކަންދިނުމުގެ އެ ތަރުތީބު ބަދަލުކުރުމަށެވެ.
”[މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި] އިސްކަންދޭ ގޮތް އަލުން ކަނޑައަޅަން ވެއްޖެ. ބައިނަލްއަގުވާމީ މާލީ ނިޒާމުތައް އަލުން މުރާޖައާ ކުރަން ވެއްޖެ,“ ރައީސް ވިދާޅުވިއެވެ. ”އަޅުގަނޑުމެން އިހުތިޔާރު ކުރަންޖެހެނީ މީހުންގެ ދިރިއުޅުން ބަދަލު ކުރެވޭނެ މަގެއް.“
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މޫސުމީ ބަދަލުތަަކަށް ފޯރުކޮށްދެމުންދާ އެހީތެރިކަން އަދިވެސް ވަރަށް ބޮޑުތަން ކުޑަކަމަށާއި، އެކަމުގެ ސަބަބުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އުންމީދުތައް ފަނޑުވަމުންދާ ކަމަށެވެ. ނަމަވެސް މިފަހަރުގެ ކޮޕް ސަމިޓުގައި އެކަން ބަދަލުކުރެވޭނެކަން ސާބިތުކޮށްދިނުމަށް ރައީސް ގޮވާލެއްވި އެވެ.
ކޮޕް29 ސަމިޓަކީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ބޭއްވޭ އެންމެ މުހިންމު ބައިނަލްއަޤްވާމީ ބައްދަލުވުމެވެ. މި ސަމިޓުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުންނާއި، ތިމާވެށީގެ ދާއިރާގެ މާހިރުން، އަދި އެހެނިހެން ސްޓޭކްހޯލްޑަރުން ބައިވެރިވެ، މޫސުމީ ބަދަލުތަކާ ދެކޮޅަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެނެ އެވެ.