2025 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބެޖެޓަކީ ރައްޔިތުންނަށް ޔަގީންކަންދޭ ބަޖެޓެއް ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ކުރިއަށްގެންގޮސްފައިވާއިރު ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެންބަރު ރިފާއު ވިދާޅުވީ، ބަޖެޓް ހުށަހެޅުމަކީ ފޮތެއްގައި އަދަދުތަކެއް ޖެހުމަށްފަހު ހުށަހެޅުމެއް ނޫން ކަމަށެވެ. ބަޖެޓްގައި ދައުލަތަށް ލިބޭނެ އާމްދަނީ އަދި ހަރަދުތައް ހަމަޖެހޭ ގަބޫލުކުރެވޭ އުސޫލަކުން ހުންނަންވާނެ ކަމަށް ވިދާޅުވި އެވެ. އަދި ބަޖެޓެއް ހުށަހަޅަންވާނީ އަހަރުގެ ފަހުކޮޅަށްދިއުމުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނުޖެހޭނެ އުސޫލަކުން ކަމަށްވެސް ރިފާއު ވިދާޅުވި އެވެ. ރިފާއު ވިދާޅުވީ މި ބަޖެޓް ވާނީ ވަރަށް ފުރިހަމަ ރައްޔިތުން އެދޭ ކަންކަން ރައްޔިތުން އެދޭގޮތަށް ފުރިހަމަވާނެ ބަޖެޓަކަށް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބަޖެޓު ހުށަހަޅާފައި އޮތްގޮތާމެދު ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ރިފާއު ވިދާޅުވީ، ބަޖެޓްގައި އޮންނަންޖެހެނީ ކަންކަން ކުރާނެ އުސޫލު ކަމަށާއި ވަކިތަނެއްގައި ވަކިކަމެއް ކުރާނެ ވާހަކަ އޮންނަން ނުޖެހޭ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަންކަން ރައްޔިތުންނަށް ސާފު ކަަށްވެސް ރިފާއު ވިދާޅުވި އެވެ.
”މިއަށްވުރެއް ޖެހިލުންކުޑަ، ޔަގީންކަން ބޮޑު ރައީސްއަކު މިގައުމަކަށް އަދި ނާދޭ.“
މިބަޖެޓުން ފެންނަނީ ރައްޔިތުންނަށް ޔަގީންކަން ދޭނެގޮތަށް ބަޖެޓް ހަދާފައި އޮތްތަންކަމަށް ރިފާއު ވިދާޅުވި އެވެ. ރައްޔިތުންގެ ބޭނުންވަނީ ރައްޔިތުން އެދޭކަންކަން އަދި ވައުދުތައް ވެފައިހުރި ކަންކަން ހާސިލުކޮށްދިނުން ކަމަށްވެސް ވިދާޅުވި އެވެ. ރިފާއު ވިދާޅުވީ ބޭނުންވަނީ ކޮންމެ ރަށެއްގައިވެސް ބޮޑު އެއް މަޝްރޫއެއް ނިންމާ އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބުންކަމަށެވެ.
މީގެއިތުރުން ރިފާއު ވިދާޅުވީ މި ބަޖެޓްގައި އޮތީ އާސަންދަ ކަނޑާލާ ވާހަކަ ނޫން ކަމަށާއި، ބަޖެޓްގައި އޮތީ ބަލި މީހާ އެހީއަށްއެދި ސޯޝަލްމީޑިއާގައި ޖަހަން ނުޖެހޭނެ ގޮތެއް ހެދުންކަމަށެވެ. އަދި ބަޖެޓުން ލިބޭ ސަބްސިޑީ ލިބެންޖެހޭނީ ނިކަމެތި ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ ރައީސުލްޖުމްހުރިއްޔާ މިއަދު މިނަންގަވާ ޑިސިޝަންތަކަކީ, މާ ޕޮޕިއުލާ ޑިސިޝަންތަކަކަށް ނުވާނެ ސިޔާސީ ގޮތުން. މިއީ ވެރިކަން ވެއްޓޭކަހަލަ ޑިސިޝަންތައް. އެހެންނަމަވެސް އާންމު ރައްޔިތުންގެ މަސްލަހަތު، ވެރިކަން ދިފާއުކުރުމަށްވުރެ އެމަނިކުފާނަށް މުހިންމު.“
ރިފާއު ވިދާޅުވީ ކަންކަމުގައި ސަލާންޖަހާ ރައްޔިތުން މަދުވުމަކީ ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ކުއްލިއަށް ދިމާނާ ސިއްހީ ކަންކަމުގައި ސަލާންޖަހަންނުޖެހި ބޭސްފަރުވާގެ ކަންކަން ހަމަޖެހުމަކީ ރައްޔިތުން އެދޭނެ ގޮތް ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއު ދައުލަތުގެ ބަޖެޓް