ދިވެހި ފުލުހުންނާ ސިފައިންނަށާއި އެމީހުންގެ އާއިލާތަކަށް އެއްވެސް ހަމައެއް ނެތި މިހާރު ދެމުންގެންދާ ބޭސް ފަރުވާގެ އެހީއަށް ނިމުމެއް ގެނެސް އަމިއްލަ އިންޝުއަރެންސް ސްކީމަކަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ގެޒެޓުގައި ޝާއިރު ކުރި 2025 ވަނަ އަހަރުގެ ބަޖެޓު ފޮތުގަ އެވެ.
ބަޖެޓު ފޮތުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ސިއްހީ ނިޒާމަށް ގެނައުމަށް ރާވާފައިވާ އިސްލާހުގެ ތެރެއިން ފުލުހުންނާއި ސިފައިންނަށް ސަރުކާރުން ފޯރުކޮށްދޭ ބޭސްފަރުވާގެ އެހީގެ ނިޒާމު އިންޝުއަރެންސް ޕްލޭނެއްގެ ތެރެއިން ފޯރުކޮށްދޭ ނިޒާމަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
މި ބަދަލަކީ ސަރުކާރުގެ އޮފީސްތައް ހިންގުމުގެ ހަރަދު ކުޑަ ކުރުމަށް ގެނެވޭ ބަދަލެކެވެ. ސަރުކާރުގެ އޮފީސްތައް ހިންގުމަށް ކުރާ ހަރަދަކީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނާފައިވާ ރިކަރެންޓް ހަރަދުގެ 10.6 އިންސައްތަ އެވެ.
ސަރުކާރު އޮފީސްތައް ހިންގުމުގެ ހަރަދުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ހަރަދުތަކަކީ އޮފީސްތަކުގެ ޔުޓިލިޓީ ހަރަދުތަކާއި ހިދުމަތުގައި އުޅޭއިރު ދޭ ކެއުމާއި އިމާރާތުގެ ކުއްޔާއި އުޅަނދުތަކަށް އަޅާ ތެލާއި ފުލުހުންނާއި ސިފައިންގެ ބޭސްފަރުވާގެ ހަރަދެވެ. މީގެ ތެރެއިން ހިދުމަތުގައި އުޅޭއިރު ދޭ ކެއުމުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ފުލުހުންނާ ސިފައިން ހިދުމަތުގައި އުޅޭ ވަގުތުތަކުގައި ދެވޭ ކެއުމަށްކަން ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ފުލުހުންނާއި ސިފައިންނަށް ސަރުކާރުން ފޯރުކޮށްދޭ ބޭސްފަރުވާގެ އެހީގެ ނިޒާމު އިންޝުއަރެންސް ޕްލޭނެއްގެ ތެރެއިން ފޯރުކޮށްދޭ ނިޒާމަކަށް ބަދަލު ކުރުމުން މިބައިން ހަރަދު ކުޑަވާނެކަމަށް ބެލެވޭ ކަމަށެވެ.
އެމްއެންޑީއެފް މިނިސްޓްރީ އޮފް ފިނޭންސް ދައުލަތުގެ ބަޖެޓް ދިވެހި ފުލުހުންގެ ޚިދުމަތް