އާސަންދަ ސްކީމް ހިންގުމަށް އެންމެ މުއްސަނދިންގެ އަތުން ފައިސާ ނަގާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީން އާންމުކުރި ދައުލަތުގެ ބަޖެޓް ޕޮޒިޝަން ރިޕޯޓްގަ އެވެ. 2025 ވަނަ އަހަރުގެ ބަޖެޓް ފޮތުގައި އަންނަ އަހަރު ތައާރަފްކުރަން ރާވާފައިވާ އިތުރު އާސަންދަ އިސްލާހުތަކުގެ ތަފްސީލު ހިމަނާފައިވެ އެވެ.
ބަޖެޓް ފޮތުގައިވާގޮތުން އަންނަ އަހަރު އާސަންދައިގެ ހހަރުގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 1.8 ބިލިއަން ރުފިޔާ އެވެ. އަދި މިއީ މި އަހަރު އާސަންދައިގެ ހަރަދުތައް ހުންނާނެކަމަށް ލަފާކުރެވޭ އަދަދަށްވުރެ 19 އިންސައްތަ ދަށް އަދަދެއް ކަމަށް ބަޖެޓުގައިވެ އެވެ.
ބަޖެޓްގައިވާގޮތުން އާމްދަނީ ލިބޭ ގްރޫޕަށް ނިސްބަތްވާ ބަލިމީހުންނަށް ބޭހާއި އައުޓްޕޭޝަންޓް ހިދުމަތަށް ވަކި އަދަދެއް ނަގާނެ އެވެ. ނުވަތަ މުޅި ހަރަދު އަމިއްލައަށް އުފުލަން ޖެހޭނެ އެވެ. މީގެ އިތުރުން އިންކަމް ޓެކްސް ދައްކާ ބަލިމީހުންގެ ތެރެއިން އާސަންދައަށް ޕްރީ ޕޭމަންޓެއް ނަގާނެ ކަމަށާއި އެހެންކަމުން އެ ސްކީމް ފައިނޭންސް ކުރުމަށް ކޮންޓްރިބިއުޓް ކުރެވޭނެ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އިސްލާހުތަކުގެ ސަބަބުން އާސަންދައަށް ކުރާ ހަރަދުތައް ކުޑަކުރެވޭނެ އެވެ.
އާސަންދައިގެ ހަރަދު ކުޑަކުރުމަށް އަޅާ އިތުރު ފިޔަވަޅުތައް:
- ބަލްކް ޕްރޮކިއުމެންޓް ތަންފީޒްކޮށްގެންނާއި، ސެންޓްރަލް ޕްރޮކިއުމެންޓް ނިޒާމެއްގެ ތެރެއިން ބޭހުގެ އަގު ކުޑަކުރުން
- އާސަންދައިން ބައެއް ބޭސްތަކަށް މިހާރު ކަނޑައާޅާފައިވާ އަދަދުތައް މުރާޒާކުރުން
- އާސަންދަ ސްކީމުން އަމިއްލަ ހޮސްޕިޓަލްތަކާއި މެޑިކަލް ފެސިލިޓީތަކުން ދޭ ހިދުމަތްތަކަށް ޕެކޭޖް ރޭޓް ކަނޑައަޅައި އެއްގޮތްކުރުން
އާސަންދަ ސްކީމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ހަރަދުކޮށްދޭ ސްކީމެކެވެ. މި ސްކީމަށް ކުރާ ހަރަދުތައް ފާއިތުވި އަހަރުތަކުގައި ވެސް ވަނީ އިތުރުވެފަ އެވެ. ފާއިތުވެދިޔަ ހަފްތާތަކުގައި ސަރުކާރުން ވަނީ އާސަންދައިން ކުރާ ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ނޮވެމްބަރު މަހުން ފެށިގެން އަމިއްލަ އިންޝުއަރެންސް ގެންގުޅޭ ބަލިމީހުންނަށް އައުޓްޕޭޝަންޓް ހިދުމަތްތަކަށް އާސަންދަ ކަވަރޭޖް ލިބެނީ އަމިއްލަ އިންޝުއަރެންސް ކަވަރޭޖްގެ ލިމިޓަށް ވާސިލްވުމުން ނެވެ.
އަންނަ އަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ޖުމްލަ ހަރަދު 49.2 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ. ރިކަރެންޓް ހަރަދުގެ ގޮތުގައި ލަފާ ކުރެވިފައިވާ ހަރަދުގެ 5.1 އިންސައްތަ ކަނޑައަޅާފައިވަނީ އާސަންދަ އަށެވެ.