ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި ރާއްޖެއިން ފައިހަމަކުރުމަށްޓަކައި ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ހަރުދަނާ ކުރުމަށް ޢިލްމީ ދިރާސާއެއް ހަދަންޖެހޭ ކަމަށް މަޖިލީސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލީސް ރައީސް އަބްދުއްރަހީމް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ނެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން މަޖިލީސް ރައީސް ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި ރާއްޖެއިން ފައިހަމަކުރުމަށްޓަކައި ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ހަރުދަނާ ކުރުމަށް ޢިލްމީ ދިރާސާއެއް ހަދަންޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ މަޖިލީހަށްވުމާއިއެކު އޭގެއިން ބޭރަށް ނުދެވޭނެ ކަމަށާއި ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތް ކުރުމަކީ އެތަނުގެ މަސްއޫލިއްޔަތެއް ކަމަށް މަޖިލީސް ރައީސް ވިދާޅުވި އެވެ. ގާނޫނު އިސްލާހުކޮށްގެން ހަރުދަނާކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.
”އަދި އިލްމީ ދިރާސާތައްވެސް ހަދަން އެބެޖެހެޔޭ. ކޮބާތޯ މިހާ ހިސާބަށް އަޅުގަނޑުމެން އައި އިރުގައި ދުނިޔޭގެ އެހެން ކުރިއަރާފައިވާ ގައުމުތަކާއި އަޅުގަނޑުމެން ފައިހަމަ ކުރަން ބަލާއިރު އަޅުގަނޑުމެންގެ ގައުމުގައި މި ނިޒާމް ހަރުދަނާ ކުރުމަށް ކުރަން ހުރި މަސައްކަތްތަކަކީ ކޮބާތޯ އިލްމީ ދިރާސާއެއްގެ އަލީގައި އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ“
އެ ދިރާސާގެ މައްޗަށް ބިނާކޮށް ގާނޫނީ ފަންނުގެ މާހިރުންގެ އެހީއާއިއެކު ގާނޫނު އިސްލާހު ކުރަން އެމަނިކުފާނު ހިޔާލު ފާޅުކުރެއްވި އެވެ. ގާނޫނު އަސާސީއެއް ހަދައިގެން 16 އަހަރު ފާއިތުވީއިރު ފަސްއެނބުރި ބަލާލަން ޖެހޭ ކަމަށް މަޖިލީސް ރައީސް ވިދާޅުވި އެވެ. މަޖިލީސް ރައީސް ވިދާޅުވީ ދިރާސާގެ އަލީގައި ދެމެހެއްޓެނިވި ގޮތަކަށް ގާނޫނު އަސާސީ ބަދަލު ކުރަން ޖެހޭ ކަމަށެވެ.
އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުމްހޫރީ ދުވަސް