ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް އެ ކޮމިޝަންތަކުގެ މެންބަރުކަމުން ވަކި ކުރުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން އާންމު ކުރި އެޖެންޑާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ވަނީ މި މައްސަލަތައް ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ހިމަނާފަ އެވެ.
އީސީގެ ނައިބު ރައީސްގެ އިތުރުން 2 މެންބަރުންވެސް މެންބަރުކަމުން ވަކި ކުރުމަށް ހުށަހަޅާފައިވެ އެވެ. އަދި އޭސީސީގެ ނައިބު ރައީސްގެ އިތުރުން އެ ކޮމިޝަންގެ މެންބަރެއްވެސް މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން ދެން މާދަމާގެ އެޖެންޑާގައި ހިމަނާފައިވަނީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސް ކުރުމަށް ބާރުއަޅުވައިދިނުމަށް ސަރުކާރަށް ގޮވާލާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅާފައިވާ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމެވެ. މި ގަރާރު ހުށަހަޅާފައިވާއިރު އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރާ ބިލު މިހާރު ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މާދަމާގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނާފަ އެވެ.
ރައްޔިތުންގެ މަޖިލިސް އިލެކްޝަންސް ކޮމިޝަން (އީސީ) އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)