އިޒްރޭލު ޕާސްޕޯޓު ބޭން ކުރުމުގެ މައްސަލަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނައިފި އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އަދި 241 ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް ފަލާހު ’ޖަވިޔަނި‘ ނޫހަށް ވިދާޅުވީ މި މައްސަލަ މިހާރު ވަނީ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 241 ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކުރެވިފައި ކަމަށެވެ.
އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެ އައުން މަނާކުރަން އެމްޑީޕީގެ ފަރާތުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް، ސަރުކާރުން ބޭނުންވާ އިސްލާހްތައް ގެންނަވާނެކަމަށް ބަންޑާރަނައިބް އަހުމަދު އުޝާމް ވަނީ ޖޫން މަހުގެ ތެރޭގައި ވިދާޅުވެފަ އެވެ.
އުޝާމް ވިދާޅުވީ މަޖިލީހަށް ހުށަހެޅި އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލު އޮތީ އެންމެ ރަނގަޅަކަށް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެހެންކަމުން ކޮމިޓީ މަރުހަލާގައި އެ ބިލަށް އިސްލާހު ގެންނަވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
މީގެ އިތުރުން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން ނިންމާފައިވާކަން ސަރުކާރުން މިއަހަރުގެ ކުރީ ކޮޅު ވަނީ ހާމަކޮށްފަ އެވެ. އަދި އެ މަސައްކަތް ކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި އިކޮނޮމިން މިނިސްޓަރު މުހައްމަދު ސައީދާއި ޓުރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.