އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ބޮޑުކުރަން އުޅޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަަރު މިގޮތަށް ވިދާޅުވީ ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ސްޕެޝަލިސްޓް ހޮސްޕިޓަލްތައް ގާއިމުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ވަނީ ކެންސަރު ބަލިއަށް ހާއްސަ ހޮސްޕިޓަލެއް އެޅުމާއި ތެލަސީމިއާ ސްޕެޝަލިސްޓް ހޮސްޕިޓަލަކާއި ނަފްސާނީ ބަލިތަކަށް ހާއްސަކޮށް ފަރުވާދޭ ތަނެއް ގާއިމުކުރުމަށް ހުށަހަޅާފަ އެވެ. ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ނެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، ނިމިދިޔަ މަހުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހުގައި އިއްވަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިހާރު އޮތް ހާލަތުން ދިވެހި ގައުމު ވީއްލި، ސިއްހީ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ދިވެހީންނަށް ރާއްޖޭގައި ތިބެގެން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރެވޭނެ ގޮތަށް ޒަމާނީ އިންފްރާސްޓްރަކްޗަރ އާއި ވަސީލާތްތައް ގާއިމުކުރުން ކޮންމެހެން މުހިންމުކަމަށެވެ. އެގޮތުން، އެކިރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާއެކު އެތަންތަން ތަރައްގީކުރުމަށްވެސް މި ބަޖެޓުގައި އިސްކަންދީފައިވާނެ ކަަމަށް ޒަމީރު ވިދާޅުވި އެވެ. އެގޮތުން، އެކި ރަށްރަށުގައި އިތުރު ފަސް މޭޖަރ ހޮސްޕިޓަލް، ރީޖަނަލް ހޮސްޕިޓަލް ލެވެލްގައި، މި އަންނަ އަހަރުގެ ތެރޭގައި ހިނގާނެ އެވެ.
މިވާހަކަކޮޅަށް ރިއާޔަތްކުރައްވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ މާބަނޑުމީހުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށްވެސް މި ސަރުކާރުން ރާވާފައިވާ ކަމަށެވެ.
އޭގެ އިތުރަށްވެސް އައްޑޫ ހޮސްޕިޓަލް އެކްސްޕޭންޑް ކުރަން ބޭނުންވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. އަދި ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުންވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗާގެ ޕްރޮޖެކްޓްގެ ތެރޭގައި މައިގަނޑު ވާހަކަ ދެކެވުނަސް، އަތޮޅު ތެރޭގައި ހުރި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އަތޮޅު ތެރޭގެ އެތައް ހޮސްޕިޓަލެއްވެސް ބިނާކުރުމަށް ވަނީ ހަމަޖެހިފަ. އެހެން ވަކި ބަޖެޓްގައި ލިޔެވިފައިނެތަސް އޭގެ އިތުރުން އެތައް ހޮސްޕިޓަލެއް މި 5 އަހަރު ތެރޭގައި ގާއިމުވެގެންދާނެ. ވަކިވަކި ރަށްރަށެއް މިވަގުތު އަޅުގަނޑަށް ދަންނަވަން ދަތި. އެހެން ނަމަވެސް، ހުޅުމާލޭގައި އަންނާނެ ހޮސްޕިޓަލެއް. މާލޭގައި ދަރުމަވަންތަ ހޮސްޕިޓަލު ކައިރީގައި ހޮސްޕިޓަލެއް ބިނާވެގެންދާނެ. އައްޑޫ ހޮސްޕިޓަލްގެ އެކްސްޕޭންޝަންއެއް އަންނާނެ، އިތުރު ބިލްޑިންއެއް އައިސް“
މިނިސްޓަރ ވިދާޅުވީ އައްޑޫ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ. ހަމައެއާއެކު، އަތޮޅު ތެރޭގައި ޖާގައިގެ ދަތިކަން ދިމާވެފައިވާ ނުވަތަ އިންފްރާސްތްރަކްޗާ ބާވެފައިވާ ސިއްހީ ފަރުވާދޭ ތަންތަންވެސް ތަރައްގީކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އައްޑޫ ސިޓީ މިނިސްޓްރީ އޮފް ހެލްތް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު