200 އަށް ވުރެ މަދުން ސިނގިރެޓް ގެންނަނަމަ، ޑިއުޓީ ނުނަގާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
މި އިސްލާހަށް އަމަލުކުރަން ފެށީ އިއްޔެއިން ފެށިގެން ނެވެ.
ކަސްޓަމްސް އިން ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުން، 200 ސިނގިރެޓް (1 ކާޓަން) ނުވަތަ 25 ސިގާ ނުވަތަ 200 ގްރާމްގެ ދުންފަތަށްވުރެ މަދު އަދަދެއް އަމިއްލަ ބޭނުމަށް އެތެރެކުރާ ފަރާތްތަކުގެ އަތުން ޑިއުޓީ ނުނަގާނެ އެވެ. ނަމަވެސް، މި ލިމިޓަށްވުރެ ގިނައިން ގެންނަ ތަކެތި 30 ދުވަހުގެ މުއްދަތަށް ހިފަހައްޓާނެ ކަމަށް ބުނެފައިވެ އެވެ.
ފަތުރުވެރިންނަށް، ރާއްޖެއިން ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ކަސްޓަމްސްގެ ކައުންޓަރުން މި ތަކެތި ނެގޭނެ ކަމަށްވެސް ކަސްޓަމްސްއިން ހާމަކޮށްފައިވެ އެވެ.
މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް ފަތުރުވެރިން ނޫން އެހެން ފަރާތްތަކުން ގެންނަ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްއިން އަތުލާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި ބަދަލު ގެނެސްފައިވަނީ މިމަހު ފެށުނުއިރު ދުންފަތުގެ ބާވަތްތައް ޑިއުޓީ ފްރީކޮށް އެތެރެކުރުން ހުއްޓުވާލުމަށްފަހުގަ އެވެ. އަދި މިމަހުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ.
މި ބަދަލާއެކު ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށްވުރެ މައްޗަށް އުފުލިފަ އެވެ.
ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިޢުލާންކުރައްވާފަ އެވެ.