މޯލްޑިވްސް ޓެމިލް އެސޯސިއޭޝަނުން ”ފެސްޓިވަލް އޮފް ލައިޓްސް“ ގެ ނަމުގައި ޚާއްޞަ ހަފްލާއެއް މިރޭ ބާއްވާ ގޮތަށް ހަމަޖައްސާފި އެވެ.
މި ހަފްލާ އޮންނާނީ މިރޭ 07:45 އިން 10:30 އަށް ބިލަބޮންގ ހައި ސްކޫލުގައެވެ.
މި ހަފްލާއަކީ ހުރިހާ ގައުމެއްގެ މީހުންނަށް ބައިވެރިވެވޭނެ ހަފްލާއެއް ކަމަށް ޓެމިލް އެސޯސިއޭޝަނުން ބުނެފައިވެ އެވެ. މި ހަފްލާއަށް ވަޑައިގަތުމުގެ އެންޓްރީ ފީއަކީ 50 ރުފިޔާ އެވެ.
މި ހަފްލާގައި މައިގަނޑު ގޮތެއްގައި ބައިވެރިވާނީ ރާއްޖޭގައި ދިރިއުޅޭ އިންޑިޔާގެ ޓެމިލް އަދި ޓެލުގޫ މީހުންނެވެ. އަދި މީގެ އިތުރުން މަލިޔާލަމް، ހިންދީ، ގުޖްރާތީ އަދި ރާޖަސްތާނީ ބަހުން ވާހަކަދައްކާ އެކި ފަރާތްތަކުގެ ސަގާފަތް ދައްކުވައިދޭ މިއުޒިކް ފެނިގެންދާނެ ކަމަށް އެސޯސިއޭޝަނުން މަޢުލޫމާތު ދީފައިވެ އެވެ. މީގެ އިތުރުން ދިވެހި ފަންނާނުންގެ ހުށަހެޅުންތައްވެސް މި ހަފްލާގައި ފެނިގެންދާނެ އެވެ.
މި ހަފްލާގައި އިންޑިޔާގެ ރަހަމީރު ކެއުންތައް ކަމުގައިވާ ބިރިޔާނީ، ޕާނީ ޕޫރީ އަދި ފޮނި ކާތަކެތި މުޅިން ހިލޭ ކެއުމުގެ ފުރުސަތު ލިބޭނެ ކަމަށް ހަރަކާތް ރާވާ ފަރާތުން ބުނެފައިވެ އެވެ. އަދި މި ހަފްލާގައި ފުދޭވަރަކަށް ގިނަ ދިވެހިން ބައިވެރިވާ ކަމަށާއި ދިވެހި އަދި އިންޑިޔާ ވިޔަފާރިވެރިންވެސް ބައިވެރިވާ ކަމަށް އެސޯސިއޭޝަނުން ފާހަގަކޮށްފައިވެ އެވެ.
“މި ހަރަކާތަށް ދިވެހިންގެ އެއްބާރުލުން ލިބުނު. ވަރަށް ގިނަ ދިވެހިންވެސް ބައިވެރި އެބަވޭ”
އިތުރު މަޢުލޫމާތު ހޯދުމަށް 9843631، 7950250، 9833801، 9953544 އަށް ގުޅުމަށް އެ އެސޯސިއޭޝަނުން އެދިފައިވެއެވެ.
ފެސްޓިވަލް އޮފް ލައިޓްސް އަކީ އިންޑިޔާގެ އެކި ކަންކޮޅުތަކުގެ ސަގާފަތް ފާހަގަކުރުމަށް އެއް ދުވަހެއްގައި ބާއްވާ މިއުޒިކް ހަފްލާއެކެވެ.