ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމްގެ މަސައްކަތްތައް ކުރާނީ ދިވެހި މުވައްޒަފުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވުނު ވީއައިއޭގެ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ޝަރީފް ވިދާޅުވީ މި އައު ފިއުލް ފާމުގެ ސަބަބުން ވީއައިއޭގެ ތަރައްޤީއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
”އަޅުގަނޑުމެން ފިއުލް ފާމަށް ތެޔޮ ރިސީވްކޮށް ތެޔޮ ޑިސްޓްރިބިއުޓްކޮށް އޭގެ ސަލާމަތީ ކަންކަން ބަލަން ހުރިހާ ކަމެއް އޮޓޯމޭޓެޑް ސިސްޓަމަކުންނޭ މިކުރަނީ. މިހުރިހާ ކަމެއް މިކުރަނީ އަޅުގަނޑުމެންގެ މަދު ދިވެހިން. އެހެންވީމަ އެކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް ފަޚުރުވެރިވޭ،“ އެމްޑީ ޝަރީފް ވިދާޅުވި އެވެ.
ފިއުލްގެ ކޮލިޓީއަކީ ވަރަށް މުހިންމު އެއްޗެއްކަމަށް ފާހަގަކުރައްވަމުން، އެ ކޮލިޓީ ޔަޤީންކޮށް އަވަސްމިނުގައި މުވައްޒަފުން ތަމްރީންވެގެން ރެޔާއި ދުވާލު ކުރި މަސައްކަތަށް އެމްޑީ ޝަރީފް ވަނީ އެމްއޭސީއެލްގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިފަދަ ވަރުގަދަ ސިސްޓަމެއް ވީއައިއޭގައި ޤާއިމުކުރެވިގެންދާއިރު، މުވައްޒަފުންގެ ޕްރޮފެޝަނަލިޒަމާއި ހީވާގިކަންވެސް އެމްޑީ ފާހަގަކުރެއްވި އެވެ.
އިއްޔެ ހުޅުވުނު އައު ފިއުލް ފާމުގެ ސަބަބުން ވީއައިއޭގައި ފިއުލް ރައްކާކުރެވޭ ޖާގަ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުވެގެންދާނެ އެވެ. މިއީ އެއަރޕޯޓުގައި ތެޔޮ ރައްކާކުރުމުގެ ޤާބިލުކަން ތިން ގުނަ އިތުރުކޮށްދޭނެ މަޝްރޫޢެކެވެ. އެމްއޭސީއެލްއިން މި މަޝްރޫޢު ފުރިހަމަ ކުރެއްވީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކުގަ އެވެ.
އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)