ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުން ބާތިލު ކުރި މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ބައިގެ އަޑު އެހުންތައް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ތައާވަލުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ 09:00 އަށެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އެވެ.
ވ. އާރަށުގެ މައްސަލައިގައި އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމްގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރުމަށް ފަހު ވަނީ އެ މައްސަލައިގައި ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު ބައެއް ހެކިތައް އެއްފަރާތްކުރުމަށް އަންގާފައިވެ އެވެ. އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅުނޫންކަމަށް ބަޔާންކޮށެވެ.
ޕީޖީ އޮފީހުުން މީގެ ކުރިން ބުނެފައިވަނީ އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތަކަށްވާތީ، އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އެންގި އެންގުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އަރާރުންވާ ކަމަށެވެ.
މިމައްސަލަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު ޕީޖީ އޮފީހުން އެދިފައިވަނީ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާޢުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތުދީ، އެ ހެކިތަކާ ގުޅިގެން ދެފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތުދީ، އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުމަށެވެ.
ހައި ކޯޓު ރައީސް އަބްދުﷲ ޔާމީން ކުރީގެ މެންބަރު ޔޫސުފް ނައީމް ކްރިމިނަލް ކޯޓު ސުޕްރީމް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)