ކޭޕާކް މައްސަލައިގައި ދައުވާއުފުލި ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ދައުލަތުން އުފުލި ހުރިހާ ދައުވާއަކަށް އޭނާ އިންކާރުކޮށްފި އެވެ.
މި މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި ދައުލަތުން ވަނީ މަންޑޭގެ މައްޗަށް ކުރެވޭ ބައެއް ދައުވާތައް އިއްވާފަ އެވެ. ބާކީ ދައުވާތައް ދެން އަންނަ އަޑުއެހުމެއްގައި އިއްވުމަށް ވަނީ ނިންމާފަ އެވެ. މިއަދު އިއްވި ދައުވާތަކަށް މަންޑޭ އިންކާރުކޮށްފައިވެ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ މި އަޑުއެހުމުގައި ދިފާއުގެ ފަރާތުން ވަނީ ލިޔެކިޔުންތައް ހަމަ ނޫންކަމަށް ބުނެފަ އެވެ. ނަމަވެސް މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މި މައްސަލައިގައި ލިޔެކިޔުންތައް ހަމަ ކުރުމަށް ދިފާއުއަށް ފުރުސަތު ދީފައިވާކަމަށް ވިދާޅުވެފަ އެވެ.
ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދެއްވާފަ އެވެ. އަދި ދައުވާތައް އިއްވުމުން މި ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް ކަނޑައަޅުއްވާފައިވެ އެވެ.
ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ 12 ޑިސެންބަރު 2023 ދުވަހުއެވެ. މި މައްސަލައިގައި މަންޑޭގެ މައްޗަށް، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 50 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ދައުވައެއް އުފުލާފައިވެއެވެ.
މީގެއިތުރުން ދައުވާ އުފުލި ސައީދުގެ މައްޗަށް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 20 ދައުވާ، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާ، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ އަދި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެއް އުފުލާފައިވެއެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ ދައުވާ ކޮށްފައިވަނީ ކޭޕާކް ރެޒިޑެންސްގެ ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ މައްސަލަތަކާއި ގުޅޭ ދަޢުވާތަކެއް ކަމަށެވެ. މި 23 އެޕަރޓްމަންޓް 50 މީހުންނަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ކަމަށެވެ. މިގޮތުން ބައެއް އެޕަރޓްމަންޓް 6 މީހުންނަށްވެސް ވިއްކާފައި ހުރިކަމަށެވެ.
ހަސަން މަމްދޫހު (މަންޑޭ) ކްރިމިނަލް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)