ސައިބާ ސެކިއުރިޓީއާއި ޕާސަނަލް ޑޭޓާ ބިލުތަކަށް އާންމުންގެ ހިޔާލު ހޯދަން މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

”ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް“ އަދި ”ސައިބަރސެކިއުރިޓީ ބިލް“އަށް ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ފަށައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ މިއީ ފަރުދުންގެ ޒާތީ މައުލޫމާތު ހިމާޔަތްކުރުމަށް ޑްރާފްޓްކޮށްފައިވާ ”ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް“ އަދި ސައިބަރސެކިއުރިޓީ ހަރުދަނާ ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ”ސައިބަރސެކިއުރިޓީ ބިލް“އަށް ހިޔާލު ހޯދުމުގެ ގޮތުން މި ދާއިރާތަކުގައި ހިމެނޭ ސްޓޭކްހޯލްޑަރުންނާއި އެކު ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުން ކުރިއަށްގެންދަނީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާރސިފިކޭޝަން (ޑީ.މެޑް) ޕްރޮޖެކްޓް ގުޅިގެން ނެވެ.

މި ބައްދަލުވުންތައް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން މީރުމާގައި މިއަދު ބޭއްވި ހަފްލާ ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި އެން.ސީ.އައި.ޓީ ހިންގެވުމާއި ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާ، ޑރ. މުހައްމަދު ކިނާނަތު ވަނީ ވާހަކަދައްކަވާފަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޓެކްނޮލޮޖީއާ ގުޅިގެން ގެންގުޅުއްވާ ދުރު ވިސްނުންފުޅާއި ދެއްވަމުންދާ ހަރުދަނާ އިރުޝާދަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނަށް ޝުކުރުއަދާކުރައްވާފައި ވެއެވެ.

ސްޓޭޓް މިނިސްޓަރ ވަނީ “ ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލާއި ސައިބަރސެކިއުރިޓީ ބިލުގެ މަގްސަދަކީ ހަރުދަނާ އޮނިގަޑެއްގެ ތެރެއިން އަޅުގަޑުމެންގެ ޒާތީ މައުލޫމާތު ހިމާޔަތްކޮށް ރައްކާތެރިކުރުމާއި އަޅުގަޑުމެންގެ ޑިޖިޓަލް ސިސްޓަމްތަކާއި އޭގައިވާ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު އުފައްދައި ރާއްޖޭގައި އީޖާދީ އުފެއްދުންތެރިކަން ކުރިއެރުވުން“ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގައި ފަރުދުންގެ ޒާތީ މައުލޫމާތު ރައްކާތެރިވެގެންދާނެކަމުގެ ޔަގީންކަމާއި އިތުބާރާއިއެކު އޮންލައިންގެ ޒަރިއްޔާއިން ރައްޔިތުން ބާރުވެރިވެގެންދާނެ މުސްތަގްބަލެއް ގާއިމުކުރުމުގައި މި ދެ ބިލުގެ މުހިންމުކަން ފާހަގަކުރެއްވެވި އެވެ. އަދި މި ތަސައްވުރު ހާސިލްކުރުމަށް މި ބިލްތައް ފާސްކޮށްދެއްވުމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުހިންމުކަމަށްވެސް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ސަރުކާރާއި ދައުލަތުގެ އިދާރާތަކާއި، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ބައިވެރިންގެ އިތުރުން ވޯލްޑް ބޭންކުގެ ހާއްސަ ޓީމަކާއި އެން.ސީ.އައި.ޓީ އާއި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ (އެން.ސީ.އެސް.އޭ)ގެ ބޭފުޅުން ބައިވެރިވެފައި ވެއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުސެއިން ވަނީ ”ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް“ ހުށައަޅާދެއްވާފަ އެވެ.

 ބިލާއި ގުޅޭގޮތުން ހިޔާލު ބަދަލުކުރުމަށްޓަކައި ބައިވެރިންގެ މެދުގައި ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ވޯލްޑް ބޭންކުގެ ބޭފުޅުންވެސްވަނީ ސެޝަންތަކެއް ނަންގަވާދެއްވާފަ އެވެ. އަދި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ސެޝަންތަކުގެ ތެރޭގައި އެން.ސީ.އެސް.އޭގެ ސީ.އީ.އޯ ޑރ. އަހުމަދު ނައުފަލް އަބްދުލް ހާދީ ”ސައިބަރސެކިއުރިޓީ ބިލް“ ހުށައަޅައިދެއްވުމަށް ހަމަޖެހިފައި ވެއެވެ. މި މަސައްކަތަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ