މަހުގެ ޓެރިފް ކުޑަކުރުމާއި ގުޅޭގޮތުން އީޔޫއާއިއެކީ އެކި މަސައްކަތްތައް ކުރަމުން އައި ނަމަވެސްް އެކަމަށް ފެހި ސިގްނަލެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިގޮތަށް ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިކަން ކުރުމަށް ދޮށިން މަސް ބާނާ ގައުމެއް ކަމަށެވެ. އެހެން ނަމަވެސް، ރާއްޖެއިން ބޭރުކުރާ މަހުން ޑިއުޓީ ބޮޑުކޮށް ނެގުމަކީ ނާއިންސާފެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރައްވާފައި ވެއެވެ. އެކަމަށް ހައްލެއް ހޯދުމަށް އެކި އެކި ބައިނަލްއަގްވާމީ މަންސަތަކުގައި މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުގެ މަތިން ޔޫކޭއާއިއެކުވެސް ރާއްޖެއިން ދާދި ފަހުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”ޔޫކޭގެ ފްރީ ޓްރޭޑް އެގްރީމެންޓަކާއި ހަމައަށް ދެވިއްޖެކަމަށްވާނަަމަ މިހާރު އަޅުގަނޑުމެން ޔޫރަޕަށް ބޭރުކުރާ މަހުގެ ބޮޑު އިންސައްތައެއް ޔޫކޭ މާކެޓަށް ދާނެ. ދާކަމަށްވަންޏާ އަޅުގަނޑުމެންނަށް ޔޫކޭ މާކެޓަށް ޓެރިފް ކުޑަކުރެވިއްޖެކަމަށްވަންޏާމު، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު އެއްޗެއް ލިބިގެން އެދަނ އެހިސާބުންީ“
މީގެ އިތުރަށްވެސް، ޔޫކޭއަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށް ޔޫކޭގައި ހުންނަވާ ސަފީރާއި މިނިސްޓްރީން މަސައްކަތްކުރަމުންދާކަމުގެ ޔަގީންކަންވެސް ޝިޔާމް ދެއްވި އެވެ. އަދި އީޔޫގެ ގައުމުތަކުގެ ސަފީރުންނާއިވެސް ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ހާމަކުރެއްވި އެވެ.
ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން މިނިސްޓަރު ޝިޔާމް ވިދާޅުވިފަދައިން އެކި ފަހަރު މަތިން ދިވެހި ސަރުކާރުން ވަނީ ޔޫރަޕިއަން ޔޫނިއަންއާއި އީޔޫއާއި އެކީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް މިހާތަނަށް މި މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވެ އެވެ.