މިހާތަނަށް ދޫކޮށްފައިވާ ޑޮމެއިން ނަންބަރުތަކަށް ސެކިއުރިޓީ ފީޗާސް ހިމަނައިގެން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ އާ ހުއްދައަށް އެދުމަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އަމީން ވިދާޅުވީ ހުއްދަ އާ ކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ. އެދުވަހުން ފެށިގެން މިހާރު ޑޮމެއިން ގަނެފައިވާ ފަރާތްތަކުން އޭގެ ލިޔެކިޔުންތައް ހިފައިގެން މިނިސްޓްރީއަށް ގޮސް އާ ލިޔެކިޔުންތައް ހޯދުމަށް ފަސޭހަ އިންތިޒާމެއްވެސް ހަމަޖައްސާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެކަމަށްޓަކައި ހާއްސަ ކައުންޓަރެއް ހުންނާނެކަމަށް އަމީން ވިދާޅުވި އެވެ.
ސެކިއުރިޓީ ފީޗާސްއާއެކު ޑޮމެއިން ރަޖިސްޓްރީ އާއި ޑޮމެއިން ބޭނުން ކުރުމުގެ ހުއްދައަށް ބަދަލުކުރުމަށް ހުޅުވާލަން ޖެހޭ. މިހާރު އޮތް އޮޅުންބޮޅުން ފިލުވޭނީ މިހާރު ހުރި ޑޮމެއިން ސެޓްފިކެޓުތަކުގެ ބަދަލުގައި މި ދެންނެވި ސެކިއުރިޓީ ފީޗާސް ޑޮކިއުމެންޓް އަރުވައިގެން. ޑޮމެއިންގެ ވެރިފަރާތުން ޑޮމެއިންއާ ގުޅުންހުރި ލިޔުންތައް ނޮވެމްބަރު 17 އިން ފެށިގެން 60 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ހުޅުވާލާނަން.
ޑޮމެއިންގެ ހުއްދަ އާ ކުރުމަށް ހުށަހެޅުމުން އެ ޑޮމެއިންއެއްގެ ސައްހަކަން ކަށަވަރު ކުރެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އާ ޑޮމެއިންތައް ދެން ވިއްކަން ފަށާނީ އޯޕެން ބިޑިން ސިސްޓަމެއްގެ ތެރެއިން ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ރައީސް އޮފީސް މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން