މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގެ ކުރިން ކުރަންޖެހޭ ސާވޭތައް ހަދަން ޗައިނާގެ ޓީމެއް ރާއްޖެ އަށް އަތުވެއްޖެ އެވެ.
މާލެ ސަރަހައްދުގެ މަގުތައް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިސްނަގައިގެން ފެށި މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ ޗައިނާ ސަރުކާރުން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ނެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ކުރި ޕޯސްޓެއްގައި ބުނީ ޗައިނާގެ ތަޖުރިބާކާރުންގެ ޓީމު މާލެ އަދި ވިލިމާލޭގެ މަގުތަކުގެ ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.
އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމަކުން ޗައިނާ ޓީމާ އިއްޔެ ވަނީ ބައްދަލުކޮށްފަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސައިޓް ސާވޭ ކުރިއަށްދާއިރު، މަގުތަކުގެ ޑިޒައިންތައް ޑްރާފްޓް ކުރާނީ މި ސާވޭގެ މައްޗަށް ބިނާކޮށެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ މި މަޝްރޫއުގެ ސަބަބުން މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށް ފަސޭހަ ވުމުގެ އިތުރުން ވާރޭ ވެހޭ ވަގުތުކޮޅު މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މަގު ތަރައްގީ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ސްޓޯމް ވޯޓާ މެނޭޖްމެންޓް ނިޒާމެއް ވެސް ގާއިމް ކުރާނެ އެވެ.
ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ