އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ބަޖެޓް ކޮމިޓީން ފާސްކޮށްފި އެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވާފައިވާއިރު މިއަދުގެ ބައްދަލުވުން ފެށިއިރު މުގައްރިރުގެ ގޮތުގައި އިންނެވީ ސަޕްލިމެންޓަރީ ބަޖެޓްގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައިރު މުގައްރިރުގެ ގޮތުގައި އިންނެވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. އެހެންނަމަވެސް 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ މަސައްކަތް ކުރިއަށްގެންދާ ކޮމިޓީގެ މުގައްރިރު އަދި ނައިބު މުގައްރިރު ނެގުމަށް އަލުން މެންބަރުން އިރުޝާދު ދިނުމުން، އެކަން ކިމިޓީން ކޮށްފައިވެ އެވެ.
އެގޮތުން ބަޖެޓް ކޮމިޓީގެ މުގައްރިރުގެ ގޮތުގައި ފަޒާދު އައްޔަނު ކުރިއިރު ނައިބު މުގައްރިރުގެ ގޮތުގައި އައްޔަނު ކޮށްފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.
މީގެއިތުރުން މިއަދު ކުރިއަށްގެންދިޔަ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ 2025ގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށްވެސް ފާސްކޮށްފަ އެވެ. މީގެއިތުރުން އޮޑިޓް އޮފީހާއި އެމްއެމްއޭއިން ބަޖެޓާ ގުޅޭ ގޮތުން ހުށަހަޅާ ލަފާ ހުށަހެޅުމުގެ ފުރުސަތުވެސް ދިނުމަށް ނިންމާފައިވެ އެވެ.
2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ހަރަދު ކުރުމަށް ވަނީ 49.2 ބިލިއަން ރުފިޔާ ހިމަނާފަ އެވެ.
ބަޖެޓް ކޮމިޓީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު