ނޮވެމްބަރު 3 ފަދަ ކުއްލި ނުރައްކަލުގެ ހާދިސާއެއް އަތުވެދާނެ ކަމަށް އަބަދުވެސް ހޭލާ ތިބެން ޖެހޭކަމަށް ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މައުމޫން ވިދާޅުވީ، ދުނިޔޭގެ ކަންތައްތައް ބަދަލުވެ ރާއްޖޭގެ ގައުމީ މަސްރަހަށާއި ޒަމާނާ އެކަށީގެންވާ ގޮތަށް ރާއްޖޭގެ ގާނޫނާއި ގަވައިދުތައް މިހާރު ބަދަލުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމެއްގެ ސަބަބުން ގައުމީ ވަހުދަތަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ ކަމަށެވެ.
ނޮވެމްބަރު ތިނެއްގައި ރާއްޖޭގައި މާބައިވަރު ހަތިޔާރުތަކެއް ނެތި އަދި އެފަދަ ހަމަލާއަކަށް ތައްޔާރުވެ ނެތި ދިވެހީން ހަނގުރާމަކުރީ ވަރަށް ވަރުގަދަ ހިތްވަރަކާއެކު ކަމަށެވެ.
ނޮވެމްބަރު ތިނެއްގައި ރާއްޖޭގެ ސިޔާދަތަށް ތާއިދުކޮށް އެހީތެރިވި ފަރާތްތަކަށް އަޅުގަނޑުމެންގެ ހިތްތަކުގައި އިހުލާސްތެރިކަމުގެ ޝުކުރު ދަމަހައްޓަން ޖެހޭ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
“ ސަރުކާރާއި މެދު ހިތްހަމަ ނުޖެހިފައި ތިބި މަދު ބަޔަކު ތިބިނަމަވެސް، އެދުވަހު އެންމެން ވެސް ތިބީ ސަރުކާރާއި އެކީގަ. ރާއްޖެއަށް ހަމަލާދިން ދުޝްމަނުންނަށް އެއްވެސް ދިވެއްސެއްގެ ފަރާތުން ކުޑަވެސް އެހީތެރިކަމެއް އެދުވަހަކު ނުލިބުނު. އެންމެ ކުޑަވެގެން ހޫނު ދުވަހެއްގައި ބޯލާނެ ފެންތައްޓެއްހާ ހިސާބުވެސް ނުލިބުނު.“
މައުމޫން ވިދާޅުވީ މިއަދު އަދި މާދަމާވެސް ދިވެހި ރައްޔިތުން ހަނދާން ބަހައްޓަންވީ ވަރަށް މުހިންމު ކަމެއް އެބައޮތް ކަމަށެވެ. އެއީ ދުނިޔޭގެ ސިޔާސީ އޮއިވަރުތައް ހިނގަމުން ދާގޮތުން ރާއްޖެއަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ އަބަދުވެސް ވެދާނެ ކަމެއްކަމަށާއި އަދި އަބަދުވެސް ދިވެހި ރައްޔިތުން ތިބެން ޖެހޭނީ މިކަމަށް ހޭލާ ކަމަށެވެ.