މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ ވިދާޅުވެއްޖެ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މިހެން ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ”ދިވެހި ސިފައިންގެ އަސްކަރީ ހުށައެޅުން“ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ދިވެހިންގެ ތެރެއިން 19 ބޭކަލުން ޝަހީދުވި ނޮވެމްބަރު 3ގެ ޙާދިސާއާއި މިނިވަންކަމުގެ ދިފާޢުގައި ސިފައިން ވެވަޑައިގެންނެވި ޤުރުބާނީއަކީ އަބަދަށްމެ ހަނދާންކުރަންޖެހޭ ޙާދިސާއެއް ކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ ވިދާޅުވި އެވެ.
”ސަރުކާރުން މި ދުވަސް ޤައުމީ ލެވެލްއެއްގައި ކުލަގަދަކޮށް ފާހަގަކުރަމުންދާތަން މި ފެންނަނީ. ޤައުމީ ފެންވަރުގައި އެ ޤުރުބާމީގެ އަގު ވަޒަންކުރަމުންދާތަން. ނަސްރުގެ ދުވަހުގެ ހުރިހާ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުން.“ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ ވިދާޅުވެފައިވެ އެވެ.
ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން އަބަދުވެސް ތިބޭނީ، ދިވެހި ޤައުމަށް ކުރިމަތިވާ ކޮންމެ ޙާލަތަކަށް ތައްޔާރުވެ އަދި ޙާލަތުގެ ވަގުތުގައި ކެރިގެން ނިކުމެ ކުރިމަތިލާ އަސްކަރިއްޔާއެއްގެ ގޮތުގައިކަމަށް ޗީފް އޮފް ޑިފެންސް ވިދާޅުވި އެވެ.
މީގެ އިތުރުން، ޗީފް އޮފް ޑިފެންސް ވާހަކަފުޅުގައި ވަނީ 1988 ވަނަ އަހަރުގެ އުދުވާނީ ޙަމަލާގައި ޤައުމުގެ ދިފާޢުގައި އަސްކަރިއްޔާއާއި ދިވެހިންގެ ތެރެއިން ހިތްވަރުގަދަ ބަޔަކު ނިކުމެ ކުރި ޖިހާދުގެ ހަނދާން އާކުރައްވާފަ އެވެ.
އެމްއެންޑީއެފް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ