އެލައިޑް އިންޝުއަރެންސް އިން އަނެއްކާވެސް ކޭޝްލެސް ހިދުމަތް ފަށައިފި އެވެ.
އަމިއްލަ ބައެއް އިންޝުއަރެންސް ކުންފުނިތަކާ އެކު އެލައިޑުން އިއްޔެ ކޭޝްލެސް ހިދުމަތް ހުއްޓާލީ އާސަންދަ ކަވަރޭޖް ފޯރުކޮށްދިނުމުގެ ކުރިން އިންޝުއަރެންސް ދޭ ތަންތަނުން އަމިއްލަ އިންޝުއަރެންސް ދޭން ސަރުކާރުން ގެނައި އާސަންދަ ޕޮލިސީ ބަދަލާ ގުޅިގެން ނެވެ.
ރޭ އެލައިޑުން ފޮނުވި އީމެއިލްއެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނަށް އަންގާފައި ވަނީ މިހާރު ކޭޝްލެސް ހިދުމަތް އަލުން ފަށާފައިވާ ކަމަށެވެ.
ކޭޝްލެސް ހިދުމަތަކީ އިންޝުއަރެންސް ކުންފުންޏާއި ހިދުމަތްދޭ ފަރާތާ ދެމެދު ބިލިން މުއާމަލާތްތައް ހިނގާ، ހިދުމަތް ހޯދަން ބޭނުންވާ ބަލިމީހާ ސީދާ ފައިސާ ދައްކަން ނުޖެހޭގޮތަށް ފަހިކޮށްފައިވާ ހިދުމަތެކެވެ.
އެ އީމެއިލްގައި އެލައިޑުން ބުނެފައިވަނީ އައުޓްޕޭޝަންޓް ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ކަވަރޭޖް ލިމިޓަށް ހަމަވާންދެން ކޭޝްލެސް ހިދުމަތް މިހާރު ބޭނުންކުރެވޭނެ ކަމަށެވެ.