މިރޭ މާލޭގެ އަމީނީމަގުން ސައިކަލެއްގައި ދަތުރުކުރަމުންދިޔަ މީހެއްގެ ގައިގައި އެއްޗަކުން ޖަހައި މާރާމާރީއެއް ހިންގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދީފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ 22:00 ހާއިރު އަމީނީ މަގުންނެވެ. އަދި މި މާރާމާރީ ހިންގާފައިވަނީ އިތުރު ދެ ސައިކަލެއްގައި ދިޔަ ބަޔަކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.
މި މާރާމާރީގައި އަނިޔާވި މީހާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައެވެ. ނަމަވެސް، އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް މިވަގުތު ލިބިފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި މި މާރާމާރީއާ ގުޅޭ އިތުރު މައުލޫމާތެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.