ދިވެހިރާއްޖޭގައި ކުރިން ރައީސްކަން ކުރެއްވި ހުރިހާ ރައީސުންނަށް ހަރަދު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 19.7 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިއަދު ބޭއްވި މަޖިލިސް ޖަލްސާގަ އެވެ. އެގޮތުން 56.6 ބިލިއަން ރުފިޔާގެ މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އަންނަ އަހަރުގެ ބަޖެޓުން ކުރީގެ ރައީސުންނަށް 19.7 މިލިއަން ހަރަދު ކުރަން ހިމަނާފައިވާ އިރު މި ފައިސާ ބަހާލާފައިވަނީ އެކި ކަންކަމަށެވެ. އެގޮތުން ވެރިކަން ކުރުމުން ދޭ ފައިސާގެ އިނާޔަތާއި ލިވިން އެލޮވެންސްއާއި އޮފީސް ހިންގުމަށް ދޭ ހަރަދާއި ބޭސް ފަރުވާގެ ކަންކަމަށް ދޭ ފައިސާ ހިމެނެ އެވެ.
ވެރިކަން ކުރެއްވި ބޭފުޅުންނަށް ފައިސާގެ އިނާޔަތް ދިނުމަށް ހިމަނާފައިވާ އިރު އެންމެ ބޮޑު އަދަދެއް ހިމަނާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށެވެ. އެމަނިކުފާނަށް 900،000 ރުފިޔާ ވަނީ ހިމަނާފަ އެވެ. ރައީސް މައުމޫނަށް ފަހު ވެރިކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފައިސާގެ އިނާޔާތުގެ ގޮތުގައި ހަމަޖައްސާފައިވަނީ ކޮންމެ ބޭފުޅަކަށް 600،000 ރުފިޔާ އެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފައިސާގެ އިނާޔަތް ދިނުމަށް ހިމަނާފައެއް ނުވެ އެވެ.
ލިވިން އެލޮވެންސްގެ ގޮތުގައި ކުރީގެ ފަސް ރައީސުންނަށްވެސް ވަނީ 600،000 ރުފިޔާ ދޭން ހިމަނާފަ އެވެ. އަދި އޮފީސް ހިންގުމަށް ދޭ ފައިސާގެ ގޮތުގައި ކޮންމެ ބޭފުޅަކަށް 2.1 މިލިއަން ރުފިޔާވެސް ހިމަނާފައިވެ އެވެ.
މީގެ އިތުރުން ބޭސް ފަރުވާ ކުރުމަށް ކޮންމެ ބޭފުޅަކަށް 700،000 ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފަ އެވެ.
ރައީސް އަބްދުﷲ ޔާމީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް މުހައްމަދު ނަޝީދު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައްޔިތުންގެ މަޖިލިސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް