ހުޅުމާލޭގައި އައު ސުކޫލެއް އިމާރަތްކުރުމާއެކު އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަޝްރޫއު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފި އެވެ.
މިކަން ހާމަކުރެއްވީ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހުގައި އިއްވަވަމުން ފިނޭންސް މިނިސްޓަރެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ އަހަރަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓަކީ ތައުލީމީ ދާއިރާއަށް ބޮޑު އިސްކަމެއް ދީފައިވާ ބަޖެޓެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ހުޅުމާލޭގެ އާބާދީ އިތުރުވަމުން އައުމާ ގުޅިގެން ސްކޫލުތަކުގެ ދަރިވަރުންނަށް ޖާގަ ލިބުމުގެ ދަތިކަން ހައްލުކުރުމަށް މި ބަޖެޓުގައި ޚާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށާއި، ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ތައުލީމީ ފުރުސަތުތައް އިތުރުކުރުމަށްވެސް މި ބަޖެޓުން ޖާގަ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މީގެ 8 މަސް ކުރިންނެވެ. މި މަޝްރޫއުގެ ދަށުން 10 ބުރީގެ ސްކޫލެއް އިމާރާތް ކުރުމަށް ހަމަޖެހިފައިވެ އެވެ. މި އިމާރާތުގައި މަލްޓި ޕާޕަސް ހޯލާއި، ސައިންސް ލެބާއި ލެބޯޓަރީ އަދި ޓާފް ދަނޑެއް ހިމެނޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދީފައިވެ އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14 ޗާޓުގައި ހިމެނިގެން ކުރިއަށްދާ މަޝްރޫއެކެވެ. ރައީސްގެ ”ދިވެހީންގެ ރާއްޖެ“ މެނިފެސްޓޯގައި ވަނީ އަރަބިއްޔާ ސްކޫލު މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި އަޅާ، ފެންވަރު ރަނގަޅުކޮށް އަރަބި ކިޔަވައިދޭ މަރުކަޒަކަށް ހަދާނެ ކަމަށް ބަޔާންކޮށްފަ އެވެ.
އަރަބިއްޔާ ސްކޫލް އިމާރާތްކުރުމަށް ނިންމާފައިވަނީ ކުރިން ކުނިކޮށި ހުރި 381 ވަނަ ކޮށީގައެވެ. މި ސްކޫލުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމަށް ސަރުކާރުން އަމާޒުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް