މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ދައުލަތުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫތަކަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އެކި ކަންކަމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
އިރާދަކުރެއްވިއްޔާ، މިއަދު ރައްޔިތުންގެ މަޖިލީހުގަ ހުށަހެޅިގެންދާ ބަޖެޓަކީ، ދިވެހިރާއްޖޭގެ ތާރީހުގަ އެންމެ ފުޅާ މިނެއްގަ ގެދޮރުވެރިކަމަށްޓަކައި މަގުފަހިކޮށްދޭ ބަޖެޓު.
އަންނަ އަހަރުގެ ބަޖެޓަށް އެމަނިކުފާނު ކިޔުއްވަނީ އަދި ބަޖެޓު ތަމްފީޒުވެގެން ދާއިރު އެ ބަޖެޓު ވެގެންދާނީވެސް ’ބޯހިޔާވަހިކަމުގެ ބަޖެޓް‘ އަކަށްކަމަށް ރައީސް ވިދާޅުވި އެވެ.
ހުރިހާ ރައްޔިތުންނަށްވެސް އެންމެ މުހިންމީ ބޯހިޔާވަހިކަން ކަމަށާއި ކިޔަވައިގެން ވަޒީފާގެ މާހައުލަށް ނިކުންނަ އިރު އުޅޭނެ ތަނެއް ނުހުންނަކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގިނަ ފަހަރަށް އުޅޭނެ ތަނެއް ނެތުމުން އާއިލާގެ އެންމެން އެއްވެލައިގެން ތަނެއް ކުއްޔަށް ހިފަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫތަކަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށާއި އެ މަސައްކަތްތައް އަންނަ އަހަރު ހިނގާނެ ކަމަށެވެ. އަދި މިއީ ގެދޮރުވެރިކަމުގެ އަމަލީ ގެދޮރު ބިނާ ކުރުމުގެ މަޝްރޫތައްކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ބޯހިޔާވަހިކަން ދައުލަތުގެ ބަޖެޓް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ