ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ތައުލީމީ ދަތުރުގައި ކުރިމަތިވި ގޮންޖެހުންތަކާއި ތަޖުރިބާތައް މިއަދު ހިއްސާކުރައްވައިފި އެވެ.
މި މައުލޫމާތު ރައީސް ހިއްސާކުރެއްވީ މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހިތްވަރާއި އަޒުމާއެކު މަސައްކަތްކޮށްފިނަމަ، އެދެވޭ ނަތީޖާ ހާސިލުކުރެވޭނެ ކަމަށެވެ. އަދި އެ ނަތީޖާ ލިބުމުން ދެން އޮތް ހަރުފަތަށް ދިއުމަށް މަސައްކަތްކުރަންވާނެ ކަމަށްވެސް ރައީސް ވިދާޅު ވިއެވެ.
އިންޖިނިއަރިންގ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރައީސް މުއިއްޒު، އެ ތައުލީމު ހާސިލުކުރެއްވުމުގައި ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ދަރިވަރުންނާ ހިއްސާކުރެއްވި އެވެ. އެގޮތުން، ޕީއެޗްޑީގެ އެންމެ ފަހު މަރުހަލާގައި ރެޔާއި ދުވާލު ލެބޯޓްރީގައި މަސައްކަތްކުރައްވަން ޖެހުނު ކަމަށާއި، ވަކި ވައްތަރެއްގެ ސްޕެސިމެންތަކެއް ހައްދަވައި، އެލް ޝޭޕަށް އޮންނަ 1.2 މީޓަރުގެ ބްލޮކެއް ހެއްދެވި ކަމަށް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޕީއެޗްޑީ ކޯހުގެ އެންމެ ފަހު ދުވަސްވަރު ދުވާލަކު 20 ގަޑިއިރު މަސައްކަތްކުރައްވާ، އަވަހާރަފުޅު ލައްޕަވަން ލިބުނީ 2-3 ގަޑިއިރު ކަމަށެވެ. މި ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލައްވައި، އެމަނިކުފާނުގެ ސުޕަވައިޒަރުގެ އެހީތެރިކަމާއެކު ކާމިޔާބު ހޯއްދެވި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ދަރިވަރުންނަށް އިރުޝާދު ދެއްވަމުން ވިދާޅުވީ، ފައްސި ވިސްނުމާއެކު ކުރިއަށް ގޮސް، އަމިއްލަ ނަފްސަށް އިތުބާރުކުރުމުން ގައުމަށާއި، އާއިލާއަށާއި، މުޖުތަމައުއަށް ރަނގަޅު ޚިދުމަތެއް ކުރެވޭނެ ކަމަށެވެ.
ސިވިލް އިންޖިނިއަރިންގ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރައީސް މުއިއްޒަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ