ގާނޫނު އަސާސީ އިސްލާހު ކުރާނީ ފޭސް ތަކަކަށް ބަހާލައިގެންކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވީ، ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އުޝާމް ވިދާޅުވީ، މީގެކުރިން ރާވާފައި އޮތީ އެއްފަހަރާ އިސްލާހުތައް ހުށަހަޅަން ކަމަށާއި، ނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ.
”ކުރިން ވެސް އެކި ފޯރަމްތަކުގައި އަޅުގަނޑުމެން ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތަކެއްގެ ވާހަކަ ވާނީ ހާމަކޮށްފަ،“
ގާނޫނު އަސާސީ އިސްލާހުކުރަން އިސްލާހުތައް ސަރުކާރުގެ ފަރާތުން ދެން ހުށަހަޅާނީ 2 ނުވަތަ 3 ފޭސް އަކަށް ބަހާލައިގެން ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.
އުޝާމް އިތުރުށް ވިދާޅުވީ، ބިދޭސީންނާއި، މަސްތުވާތަކެއްޗާއި، ޓޫރިޒަމް އަދި ޓެކްސް އާއި ގުޅުން ހުރި ގާނޫނުތައް ހުށަހަޅަމުން އަންނަކަމަށެވެ.