”މޯރ ދޭން އަ މަދަރ“ ކެމްޕެއިން ރާއްޖެއަށް ތައާރަފްކުރަން ބޭނުންވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްުޒުގެ އަނބިކަނަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިފަދައިން ވިދާޅުވެފައި ވަނީ، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގައި ބޭއްވި ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން ކުރެއްވި ކީނޯޓް ތަގުރީރުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މެރކް ފައުންޑޭޝަނުން ކުރިއަށް ގެންދާ ”މޯރ ދޭން އަ މަދަރ“ ކެމްޕެއިން ހަރަކާތްތަކަށް ތައުރީފު ކުރައްވާފައި ވެއެވެ. އެކަމަނާ ވިދާޅުވީ ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގައި އަދިވެސް ވަރަށް ހައްސާސް ކަމެއް ކަމަށާއި، މިއާ އެކުގައިވެސް އަންހެނުންނަކީ މުޖުތަމައު ބިނާ ކުރުމުގެ ބޮޑު ޒިންމާއެއް ކޮނޑުގައިއަޅައިގެން އުޅެމުންދާ ބައެއް ކަމަށެވެ. އާސަންދަ ޕަބްލިކް ހެލްތު އިންޝުއަރެންސް ސްކީމްގެ ތެރެއިން ފަރުވާ ފޯރުކޮށްދީ، އައިވީއެފް ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އޭއާރްޓީ) އިތުރަށް ފަސޭހަކޮށްދިނުމަށް އަދުގެ ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ”މޯރ ދޭން އަ މަދަރ“ ކެމްޕެއިން ރާއްޖެއަށް ތައާރަފްކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. މި ކެމްޕެއިންގެ ސަބަބުން ދަރިމައިވުމާ މެދު މުޖުތަމައުގެ ވިސްނުން އަދު ހުރި ގޮތް ބަދަލުވެ، ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ކެންސަރުން ރައްކާތެރިވުމާއި ފަރުވާ ދިނުމާއި ތައުލީމު ކުރިއެރުވުމާއި އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ މުހިންމު ކަންކަމުގެ މައްޗަށްވެސް އެކަމަނާގެ ތަގުރީރުގައި އަލިއަޅުއްވާލެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދުޅަހެޔޮ، ހަމަހަމަ ދުނިޔެއެއް ބިނާކުރުމަށްޓަކައި، މެރކް ފައުންޑޭޝަނާ ގުޅިގެން އިތުރަށް މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރެއްވި އެވެ.
މެރކް ފައުންޑޭޝަނުން ހިންގާ ”މޯ ދޭން އަ މަދަރ“ ކެމްޕެއިނުގެ އަމާޒަކީ މައުލޫމާތާއި ތައުލީމުގެ ޒަރީޔާއިން ދަރިމައިވުމުން މަހުރޫމްވެފައިވާ އަންހެނުން ބާރުވެރިކުރުވުމެވެ. މި ކެމްޕެއިންގެ ތެރެއިން އަންހެނުންނަށް ނަފްސާނީ އެހީތެރިކަމާއި ކުރިއެރޭނެ ގޮތްތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު