ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދު ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އޭސީސީ އިން ”ޖަވިޔަނި“ އަށް ކަށަވަރުކޮށްދިން ގޮތުގައި ސަޢީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ނެވެ. އޭސީސީގެ މީޑިއާ އޮފިސަރު ”ޖަވިޔަނި“ އަށް ބުނީ ސައީދުގެ ޕާސްޕޯޓް ހިފެހެއްޓީ 9 އޮކްޓޫބަރުގައި ކަމަށެވެ.
ސައީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ފާއިތުވީ އީދު ބަންދުގައި ސައީދަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ހޯދަން ރާއްޖެއިން ބޭރަށްވެސް ގޮސްފައިވެ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ފެނަކައިގެ އެމްޑީކަން ކުރިއިރު، ސައީދު އެ ކުންފުނީގެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން، ކުންފުނި މެދުވެރިވެގެން ކޮރަޕްޝަންގެ އެކި އަމަލުތައް ހިންގި ކަމަށްވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ އިސްވެރިންގެ ބަހުން، ކުންފުނީގެ ބޯޑުގެ ހުއްދަ ނެތި 60 މަޝްރޫއެއް ފަށާފައިވާ ކަމަށާއި، އޭގެ ތެރެއިން 25 މަޝްރޫއެއްގެ ކަންކަން ހިންގާފައިވަނީ ގޯސްކޮށްކަމަށް ބުނެފައިވެ އެވެ. މި މަޝްރޫއުތަކާ ގުޅޭ މައްސަލަތައް އޭސީސީއަށް ހެއްކާއިއެކު ހުށަހަޅާފައިވާކަމަށްވެސް ބުނެފައިވެ އެވެ.
އޭސީސީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެސްޓިމޭޓެއް ހެދުމަކާ ނުލާ އަދި ތަކެތީގެ އަގުތައް ބެލުމެއް ނެތި ފަށާފައިވާ މަޝްރޫއުތައް ހިމެނޭކަމަށް ފެނަކައިގެ އިސްވެރިން ބުނެފައިވެ އެވެ. އަދި ބައެއް މަޝްރޫއުތަކަށް މާކެޓް އަގުގެ 50 އިންސައްތައަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފެނަކަ ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު